ތަރައްްޤީ

ލ.ގަން ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފި


ލ.ގަން ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

24.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ ލ.ގަން ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 25،791 އަކަ މީޓަރުގެ ބަނދަރު ފުންކުރުމާއި، 4،317 އަކަ މީޓަރު ނެރު ފުން ކުރުމާއި، 310 މީޓަރު އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. އަދި 360 މީޓަރ ސޭންޑް-ފިލް ބްރޭކް ވޯޓަރ ޖެހުމާއި، 128 މީޓަރ ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ޖެހުމުމާއި، 17 މީޓަރުގެ ސަބްމާރޖް ބްރޭކްވޯޓަރ ޖަހައި، 62 މޫރިންގ ރިންގު ހަރުކުރެވިގެންދާނެއެވެ.

ހަމައެހެންމެ 20 މޫރިންގ ބޮއި ހަރުކޮށް، އެއްގަމުތޮށިން ބޭރުތޮށްޓަށް އެރުމަށް 23 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް އެޅުމާއި، 1550 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާ، 24 މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރާނެއެވެ.

ލ. ގަމަކީ ހައްދުންމަތީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެވެ. ބަނދަރު ހެދުމުގެ މަޝްރޫޢުގެ އިތުރުންވެސް ސަރުކާރުން އަންނަނީ ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އެރަށުގައި ހިންގަމުންނެވެ. މީގެ ތެރޭގައި ތަޢުލީމާއި، ޞިއްޙަތާއި، ތިމާވެށީގެ އިތުރުން އަސާސީ ޚިދުމަތްތަކާގުޅޭ މަޝްރޫޢުތައް ހިމެނެއެވެ.