ޚަބަރު

ފަޅުރަށްތަކުގެ މައްސަލައިގައި މެމްބަރުންގެ ބޮޑެތި ކަންބޮޑުވުން


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ޤާނޫނުން ދޭ ބާރުވެރިކަން ކައުންސިލްތަކަށް ފަހި ކުރުމަށް ފަޅުރަށްތަކާއި ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި މެމްބަރުން ރާއްޖޭގެ ފަޅުރަށްތަކުގެ ހާލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ފަޅުރަށްތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު ޢަބްދުﷲ އެވެ. ބިލަށް ވާހަކަ ދެއްކެވި ސަރުކާރު ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ވަނީ ރާއްޖޭގެ ފަޅުރަށްތަކުން އެރަށްރަށުގެ އިހްތިސާސް ލިބޭ ރަށްތަކަށް މަންފާ ލިބޭނެ ގޮތަކަށް ފަހިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ގިނަ ފަޅުރަށްތަކަށް އެކަށީގެންވާ މިންވަރަށް އަޅާނުލެވި، ފަޅުރަށްތަކަކީ ހަމައެކަނި ރިސޯޓް ބޭނުމަށް އޮތް ރަށްތަކެއްގެ ގޮތުގައި ވަމުންދާކަމަށް މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ފަޅުރަށްތަކަކީ ރަށުގެ އިހްތިސާސްގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނަށް މާލީ ބޮޑެތި މަންފާތަކެއް ލިބިދޭނެ ތަންތަނަށްވާއިރު، އެބާރުވެރިކަން އެރަށްތަކުގެ ރައްޔިތުންނަށް ދޭންޖެހޭ ކަމަށް މެމްބަރުން ވަނީ ވިދާޅެވަފައެވެ.

ބިލަށް ވާހަކަ ދައްކަވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ރަށު ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށެއް ސަރުކާރުގެ ބޭނުމަކަށް ނަގާނަމަ ނުވަތަ ކައުންސިލްގެ އިހްތިސާސުން ނަގާފައި ސިނާއީ ރަށެއްގެ ގޮތުގައި ކަނޑައަޅާނަމަ އެ ކައުންސިލަށް އޭގެ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެކަމަށް ވިދާޅުވެ ކޮމެޓީ މަރުހަލާގައި އެއިސްލާހު ހުށަހަޅުއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

ބިލަށް ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން އއ.އަށް ނިސްބަތްވާ މެމްބަރުންވަނީ އއ.އަތޮޅު ވެލިގަނޑު ރިސޯޓުގެ ފަޅު ހިއްކުމަށް ކުރަމުންދާ މަސައްކަތަކީ ޤާނޫނުތަކާއި ޚިލާފް އަދި އެސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭނެ މަސައްކަތެއް ކަމަށެވެ. މިފަދަ ކަންކަމަކީ ކައުންސިލްތަކާއި، ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ލިބިގެން ނޫނީ ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުން ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ އެންމެހައި ތަންތަނަކީ އެކައުންސިލެއްގެ ބާރު ހިނގާ ތަންތަނުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ލާމަރުކަޒީ ޤާނޫނުން ބާރުދީފައިވާ ބައެއް ކަންކަމަށް އެހެން ޤާނޫނުތަކާއި ފުށު އަރާ ޤާނޫނުތަކަށް ސަރުކާރުން ގެންދަނީ އިސްލާހު ހުށަހަޅަމުންނެވެ.