ތިމާވެށި

ރަސްފަރީގެ ފަރަށާއި ގުދުރަތީ ނިޒާމަށް ބޮޑު ގެއްލުމެއް، މައްސަލަ ދަނީ ބަލަމުން: އީޕީއޭ


ކ. ރަސްފަރި ފަރަށް އާގުބޯޓެއް އެރުމާގުޅިގެން، ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކ.ރަސްފަރީގެ ހުޅަނގު ފަރާތު ފަރަށް އެރި އާގުބޯޓު، ފުންކުރުމަށް ސްރީލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕީއެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އީ.ޕީ.އޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމު ވިދާޅުވީ، މި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް އީ.ޕީ.އޭގެ ޓީމެއް އިއްޔެ އެ ސަރަޙައްދަށް ދަތުރުކޮށްފައިވާކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުންވެސް ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސަރަަޙައްދުގެ މުޅި ގުދުރަތީ ނިޒާމަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ނަޢީމް ވިދާޅުވިއެވެ.

އެ ސަރަޙައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމުން، މިގޮތަށް ލިބޭ ގެއްލުންތަކާގުޅިގެން ވަރަށް ބޮޑު ޖޫރިމަނާއެއް އަރާނެކަން ފާހަގަކުރައްވާ ނަޢީމް ވިދާޅުވީ، މިކަމުގައި އަޅާނެ ފިޔަވަޅަކާމެދު ގޮތެއް ނިންމޭނީ، ލިބިފައިވާ ގެއްލުންތަކުގެ ތަފްޞީލު ދިރާސާއެއް ކޮށްގެންކަމަށެވެ. އަދި އެ މަސައްކަތް ފުރިހަމަކުރެވެން އަންނަނީ ފަރަށް އަރާފައި އޮތް ބޯޓު ފުންކުރުމުގެ މަސައްކަތް އެއްކޮށް ނިމުމުން ކަމަށާއި، ބޯޓު ފުންކުރުމުގެ މަސައްކަތުގެ ތެރެއިންވެސް ފަރަށް އިތުރު ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވޭކަމަށްވެސް ނަޢީމް ވިދާޅުވިއެވެ.

"އެ ބޯޓު ފަރުގެ އެތަން މިތާ ޖެހެމުން ޖެހެމުން އައިސް މިހާރު އެއޮތީ ވަރަށް ތިލައަށް އަރާފައި. މިހާރު އެއޮތީ ހަތަރު ފަސް މީޓަރަށްވުރެއްވެސް ތިލައިގައި ބޯޓުގެ އެއްބައި. އެހެންވީމަ އެ ހިސާބުގައި ހުރިއްޔާ ހުރި މުރަކައަކާއި ފަރު ހިފެހެއްޓުމުގެ ނިޒާމަށް ވަރަށް އަސަރުކޮށްފައި މިހާރު ހުންނާނީ. އާއްމުކޮށް ދިވެހިރާއްޖޭގެ މުރަކައިގެ ފަރުތަކަކީ އެއީ އެހާ ވަރުގަދަ އެއްޗެއްނޫން. ޚާއްސަކޮށް އުރަފަށާއި އެތާކައިރީ ހުންނަ ތަންތަން ވަރަށް ފްރެޖައިލްވާނެ. ވަރަށް އަވަހަށް ބިނދި ހަލާކުވެގެންދާނެ. އެހެންވީމަ އެހާބޮޑު އުޅަނދެއް ފަރަށް އެގޮތަށް އެރިއިރު އެ ޓްރެކުތައްވެސް އެބަހުރި ލޮލަށް ފެންނަން. އެތަންތަން އެއްކޮށް ހުދުކުލަ އަރާފައި ހުރީވެސް" ނަޢީމް ވިދާޅުވިއެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ބޯޓު ފުންކުރުމުގެ މަސައްކަތުގައި ބޯޓުގެ ވެރިފަރާތާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެމް.އެން.ޑީ.އެފުން ވިދާޅުވީ، ފަރަށް އެރި އާގުބޯޓު ނިސްބަތްވާ ގްރީސްގެ ކުންފުނިން އެމީހުންގެ އޭޖެންޓަކަށް "އަންޓާކް މޯލްޑިވްސް" ނަމަކަށްކިޔާ ދިވެހި ކުންފުންޏެއް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ބޯޓު ފުންކުރުމަށްޓަކާ ސްރީލަންކާއިން ޓަގުބޯޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ ބޯޓު މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް އަންނާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތް ކުރާނީ ކޯސްޓްގާޑާއި މަޝްވަރާކުރުމަށްފަހުކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް، ފިލިޕީންސްގެ 19 މީހުންނާއެކު ދަތުރުކުރި މި އާގު ބޯޓު ފަރަށް އަރާފައިވަނީ ކ.ރަސްފަރި ކައިރިން އިންޖީނު ހުއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ 12:48 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. ރަސްފަރި ފަރަކީ ގުދުރަތީގޮތުންވެސް ޚާއްސަ ސިފަތަކެއް ލިބިފައިވާ އަދި ރާއްޖެއަންނަ ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު ޑައިވް ސައިޓެކެވެ.

ރާއްޖޭގައި ޢަމަލުކުރަމުންދާ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގައިވާގޮތުން ތިމާވެއްޓަށް ނޭދެވޭ އަސަރެއް ފޯރާފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ޝަރީއަތް މެދުވެރިކޮށް ބަދަލު ހޯދުމުގެ އިޚްތިޔާރު ދިވެހި ސަރުކާރަށް ލިބިގެންވެއެވެ. އަދި މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ ބައެއް ހާދިސާތަކުގައި، ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.