ޚަބަރު

ލ.ފޮނަދޫ މަގުހެދުމުގެ ފުރަތަމަ ފިޔަވަހި އޮކްޓޯބަރުމަހު ނިންމަނީ


ލ.ފޮނަދޫ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތް އޮކްޓޯބަރުމަހުގެ ނިޔަލަށް ނިންމާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެރަށުގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ފެށުމަށް އެ ކުންފުނިން މިހާރުދަނީ ތައްޔާރުވަމުންނެވެ.

ލ.ފޮނަދޫގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ. ފޮނަދޫ މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ފޮނަދުއަށް ޒިޔާރަތްކުރައްވާފައެވެ. އަދި މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، ޕްރޮޖެކްޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްއާއިވަނީ މަޝްވަރާ ކުރައްވާފައެވެ.

ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. ފުރަތަމަ ފިޔަވަހީގަ އެރަށުގެ 13މަގެއްގައިވަނީ ތާރު އަޅާފައެވެ. އެއީ 3.5 ކިލޯމީޓަރުގެ ސަރަޙައްދެވެ.

ފޮނަދޫ މަގު ހެދުމުގެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި ހިމެނޭ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. މިވަގުތު ކުރިއަށްދަނީ ޕޭމަންޓްގެ މަސައްކަތްތައް ނިންމުމާ، ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކެވެ. އާޒިމް ވިދާޅުވީ ޕޭވްކުރުމުގެ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާނެކަމަށާއި އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތާއެކު މުޅި މަޝްރޫޢުގެ މަސައްކަތް އޮކްޓޯބަރުގެ ނިޔަލަށް ނިމޭނެކަމަށެވެ.

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އާޒިމް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައްވެސް މިހާރު ފަށާފައިވާކަމަށެވެ.

"މިހާރު މިވަނީ ދެވަނަ ފިޔަވަހީގެ ކާސްޓިން ތަކުގެ މަސައްކަތްތައް އެމްޓީސީސީގެ ސައިޓުގަ ފަށާފައި. އީއައިއޭގެ މަސައްކަތް އަންނަ މަހު ނިންމާ، އޮކްޓޯބަރުގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޢަމަލީގޮތުން ފެށުމަށްދަނީ ތައްޔާރުވަމުން." އާޒިމް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އަޙުމަދު ރިއާޟް ވިދާޅުވީ މަގު ހެދުމުގެ މަސައްކަތަކީ ރަށުގެ ރައްޔިތުން އަބަދުވެސް ބޭނުންވެތިބި ޕްރޮޖެކްޓެއްކަމަށެވެ. މަގުތައް ނުހެދިވުމުގެ ސަބަބުން ވިއްސާރައިރު މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވެ އެކަމުގެ ދަތިކަން ހިނގާ މީހުންނާއި ދުއްވާ މީހުންނަށްވެސް ވަރަށް ބޮޑަށް ކުރިމަތިވެއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު ރަށުގައި އާއްމު ޚިދުމަތްތަކަށް ބޭނުންކުރާ ހުރިހާ މަގުތައްހެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މަގުތައް ހެދުމުގައި ބަލާފައިވާނީ އާއްމު ޚިދުމަތްތައް ދޭ ތަންތަން ހުރި މަގުތަކަށް. އެގޮތުން ސްކޫލާއި މިސްކިތްފަދަ ތަންތަން ހިމެނޭ ސަރަޙައްދުތަކުގެ މަގުތައް މިހާރުވެސް މި ހެދުނީ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، ތާރުއަޅައިގެން 3.64 ކިލޯމިޓަރު ސަރަޙައްދެއްގެ މަގު ތަރައްޤީކުރާނެއެވެ. މީގެއިތުރަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގު ބައްތި ހަރުކުރުންވެސް ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫޢުއަކީ ސަރުކާރުން 53.99 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ލ.ފޮނަފޫ މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ 2017ވަނަ އަހަރުއެވެ. ނަމަވެސް މަސައްކަތް އޮތީ ދިގުމުއްދަތެއްވަންދެން ނުނިމި ހުއްޓިފައެވެ. މަސައްކަތް ހުއްޓިފައިވަނިކޮށް އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްގެން އަލުން ފެށީ، 2019ވަނަ އަހަރުގެ ޖޫންމަހުއެވެ.