ޚަބަރު

އާ ކަމެއް ނޫން! "ބުރުނީ ފަޅުން ރާގޮނޑި ނުހިފާ ހުޅަނގެއް ނާދޭ"


މިއީ ކޮންމެ ހުޅަނގު މޫސުމެއްގައި ތ.އަތޮޅު ބުރުނީން ފެންނަ ކަމެކެވެ. ފޯރިގަދަ މަޖާ ކަމެކެވެ އަދި ޢާމްދަނީވެސް ލިބޭކަމެކެވެ. އިޖްތިމާޢީ ގުޅުމާއއި އެއްބައިވަންތަކަށް ފެނިގެންދާ މި ޙަރަކާތަކީ އެންމެންވެސް ތަޖުރިބާކުރަން ބޭނުންވާ އާދަޔާ ޚިލާފު ކަމެކެވެ. އެހެންނަމަވެސް ރަށުގެ ފަޅުތެރެއަށް ރާގޮނޑި އައިން ވަދެ އެންމެން ހިފުނުވަރަކަށް ރާގޮނޑި ހިފުން މިއީ ބުރުނީއަކަށް އާ ކަމެއް ނޫނެވެ.

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމުގައި ތ.އަތޮޅު ބުރުނީ ފަޅަށް ރާގޮނޑި ވަދެއެވެ. އެރަށު ކައުންސިލްގެ ރައީސް އާދަމް އިބްރާހީމް ވިދާޅުވީ ހުޅަނގު މޫސުމުގައި ބުރުނީ ފަޅުން ރާގޮނޑި ނުހިފާ އަހަރެއް ހަނަދާން ނުހުންނަކަމަށެވެ. ރާގޮނޑި އައިން ފަޅަށްވަނުމުން ދާ ޖަހައި ރާގޮނޑިތައް ހޮވުމުގައި ރަށުގެ ކުދިބޮޑު އަންހެން ފިރިހެން އެންމެންހެން ބައިވެރިވެއެވެ.

އާބާދީގައި 800އާ ގާތްކުރާ ޢަދަދަކަށް މީހުން ރަޖިސްޓްރީކޮށްފައިވާ ބުރުނީގައި މިވަގުތު ދިރިއުޅެނީ 418 މީހުންނެވެ. އެރަށު ފަޅުން ދާޖަހައިގެން ހިފާ ރާގޮނޑި ހަމަހަމަކަމާއެކު ބެހުމަކީ ރަށުކައުންސިލްގެ ޒިންމާއެކެވެ.ޝޯސަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކަށް ބަލާލުމުން މިމޫސުމުގައި ފަޅުތެރެއިން ރާގޮނޑި ހިފުމަށް އެރަށު މީހުންހުންގެ ހުރި ޝައުޤުވެރިކަމާއި ޖޯޝު ފެނިގެންދެއެވެ.

ބުރުނީ ކައުންސިލްގެ ރައީސް އާދަމް އިބްރާހީމް ވިދާޅުވީ އެންމެކުރީގައި މިހެން ފަޅަށް ވަންނަ ރާގޮނޑި ހިފުމަށް ބޭނުންކުރީ ރޯނުން ހަދާފައި އޮންނަ ދަލެކެވެ. އެެހެން ނަމަވެސް ޒަމާން ބަދަލުވެ މިހާރު ބޭނުންކުރަނީ ނައިލޯނުން ހަދާފައި އޮންނަ މިކަމަށް ޚާއްސަ ދަލެކެވެ. އެހެންނަމަވެސް މިއަދާ ޖެހެންދެންވެސް މިކަން ކުރަމުން އަންނަގޮތަކަށް މާބޮޑު ބަދަލެއް ނާންނަކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަރަކާތުގައި ކޮންމެ މީހަކަށްވެސް އެދުވަހަކު ހިފޭ ރާގޮނޑި ހަމަހަމަކަމާއެކު ބަހައެވެ. ކުރުދޮށީގައި މަސްބޭނުމަށްވުރެ މަޖާ ކަމެއްގޮތުގައި ބުރުނީމީހުން މިކަން ސިފަކުރެއެވެ.

މިކަމަށްޓަކައި ކޮންމެ ހުޅަނގު މޫސުމެއްގައިވެސް އެރަށުގެ ރައްޔިތުން މަހައް ނުގޮސް ރަށުގައި މަޑުކުރާކަމަށްވެއެވެ. އަދި ރާގޮޑި އައިން ފަޅަށް ވަދޭތޯބެލުމަށް ދޯނިތަކުގައި އެރަށުގެ މަސްވެރިން ރަށުގެ ހުޅަނގުފަރާތުން ފަޅުތެރެއިން މޭލެއްހާ ބޭރަށް އޮންނަ ތުންޑުކައިރިއަށް ދޯނިތަކުގައި ދާކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ގަދަ ދުވަސްތައް ނިމި މަޑުވާން ފެށުމާއެކު މިފަހަރުގެ ހުޅަނގުގައި ރާގޮނޑި ހިފަން ފެށީ މިހަފްތާގައެވެ. އެންމެ ގިނައިން ރާގޮނޑި ހިފާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހު 6000 އަށްވުރެ ގިނަ ރާގޮޑި ދަލުގައި ޖައްސައިގެން ހިފާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މީހަހަމަ ބުރުނީއަށް އަންނަ ބޮޑު ޢީދެކެވެ. މިކަމަށް ޝައުގު އުފެދިގެން ކައިރި ބައެއް ރަށްރަށުންނާއި މާލެއިންވެސް މީހުންދާކަމަށް އެރަށު މީހުން ބުނެއެވެ.