ޚަބަރު

ޕްރޮޖެކްޓްތައް ނިމެމުންދިއުމަކީ، ކުދި ރަށްތައްވެސް ބާކީ ނުކުރާ ކަމުގެ ހެއްކެއް: ރައީސް


އާބާދީ މަދު ރަށްތަކުގައި ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަމުން އައުމަކީ، މި ސަރުކާރުން އެއްވެސް ރަށެއް އެކަހެރިކޮށް ބާކީކޮށްފަ ނުބާއްވާނެކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ތ.އޮމަދޫއަށް ކުރައްވަމުންގެންދާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ އޮމަދޫގައި ސަރުކާރުން ތަރައްޤީ ކުރި ބަނދަރު ހުޅުއްވައިދެއްވާފައެވެ.

700 މީހުންގެ އާބާދީއެއް އޮންނަ އޮމަދުއަކީ އާބާދީ މަދުވުމުގެ ސަބަބުން ރަށުގެ އުމްރާނީ ތަރައްޤީއަށް ވަރަށް ބޮޑަށް ހުރަސްއެޅިފަ އޮތް ރަށެކެވެ. އޮމަދުއަކީ ރާއްޖޭގައި ބަނދަރެއް ނެތް މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. އެކި ސަރުކާރުތަކުގައި އެދިގެންވެސް، ރަށުގައި މިހާތަނަށްވެސް ބަނދަރެއް އެޅިފައެއް ނުވެއެވެ.

މި ސަރުކާރުން އޮމަދޫ ބަނދަރުގެ މަސައްކަތް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެކަމުގެ ޢަމަލީ މަސައްކަތް ރަށުގަ ފެށީ މިދިޔަ އަހަރުއެވެ. 388މީޓަރުގެ ބަނދަރުގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމާ ޚިދުމަތަށް ހުޅުވާލާފައެވެ. ބަނދަރުގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވާ ޚިދުމަތް ފަށްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އޮމަދޫއަކީ ވޭތުވެދިޔަ ސަރުކާރުތަކުގައި އަޅާނުލާ އެކަހެރިކޮށްލާފައިވާ ރަށްތަކުގެ ތެރެއިން ރަށެއްކަމަށާއި، ރަށަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތްތައް ރަށުގަ ޤާއިމުވެފައި ނެތްކަމަށެވެ. 2018ގެ ރިޔާސީ ކެމްޕެއިންގައިވެސް އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދިޔައީ ރަށުގައި ބަނދަރެއް އަޅައިދިނުމަށެވެ. ރައީސްވަނީ ރަށު ކައުންސިލުން އެދުނުގޮތަށް އިތުރު މަޝްރޫޢުތައް އޮމަދޫގައި ކުރިއަށްގެންދިއުމަށް އަންނަ އަހަރު ފަށްޓަވާނެ ކަމަށް ވިދާޅުވެފައެވެ.

"ރަށުގެ ފެނާއި ނަރުދަމާއާ އަދި ސްކޫލްގެ ތަރައްޤީއަށް ކުރާ މަސައްކަތްތައް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރާނަން. އާބާދީ ކިތަންމެ ކުޑައަސް އެކަހެރިކޮށް ދޫކޮށްލާފައެއް ނުބަހައްޓާނަން. އެކަން މިއޮތީ މި ސަރުކާރުން ނިމުމަކަށް ގެނެސްފަ." ރައީސް ވިދާޅުވިއެވެ.

ރަށުގެ ކަރަންޓުގެ ޙާލަތުވެސް ސަރުކާރުން ރަނގަޅު ކޮށްދެއްވާފައިވާކަމަށާއި އެގޮތުން ރަށުގެ އިންޖީނުގެ މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކޮށް، ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.


އޮމަދޫ ބަނދަރުގެ މަސައްކަތް ނިންމާ އެކަމުގެ ލިޔުން ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ. އަސްލަމް ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބަނދަރު ނެތް ރަށްތަކާ އަދި ބަނދަރުގެ މަރާމާތަށް ބޭނުންވާ ގިނަ ރަށްތަކެއް ހުރިކަމަށެވެ. އެގޮތުން މަސައްކަތްފެށި ގިނަ ރަށްތަކެއްގެ ބަނދަރުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"22ރަށުގެ ބަނދަރު މަސައްކަތް ނިމިއްޖެ. 39ރަށުގެ މަސައްކަތް އެބަ ކުރިއަށްދޭ. އަދި 17ރަށުގެ މަސައްކަތް އޮތީ ޓެންޑަރ މަރުހަލާގަ." އަސްލަމް ވިދާޅުވިއެވެ.

އޮމަދޫގައި ތަރައްޤީކޮށް ބޭނުންކުރަން ފެށި ބަނދަރަކީ 388މީޓަރުގެ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން އަދި ނެރު ފައިކަށި ޖެހުމާއި، 282މީޓަރުގެ ބޭރު ތޮށި ލުމާއި، 123މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެއިތުރަށް ރޭމްޕެއް ހެދުމާ، އެއްގަމު ތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް ބްރިޖެއް އެޅުމާ ބަނދަރުގަ ޕޭމަންޓް ހެދުމާ ބަނދަރުގަ ބައްތި ޖެހުމުގެ މަސައްކަތްވެސްވަނީ ކޮށްފައެވެ.