ތިމާވެށި

ކުނި ވަކިނުކޮށް ނެރޭނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރާގޮތަށް ކަނޑައަޅައިފި

ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ކުނި ނެރޭއިރު ބައިބަޔަށް ވަކިކުރުމަށްފަހު ނެރެންޖެހޭގޮތަށް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދަށް އިޞްލާޙު ގެނެސްފިއެވެ. މި އިޞްލާޙުގެ ދަށުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖްކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާވާންޖެހޭނެއެވެ. އަދި ބައިބަޔަށް ކުނި ވަކިނުކޮށް ނެރޭ ފަރާތްތައް ޖޫރިމަނާކުރުމަށްވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެކުލަވާލާފައިވާ "ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު"ގެ 5 ވަނަ އިޞްލާޙު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކޮށްފައެވެ. މި އިޞްލާޙުގައި ގަވާއިދުގެ ތަންފީޒީ އިދާރާއަށް ގެނެސްފައިވާ އިޞްލާޙާއި، ކުނި ބައިބަޔަށް ވަކިކުރުމާއި، ބޮޑެތި (ބަލްކް) ކުންންޏާމެދު އަމަލުކުރާނެ ގޮތާއި، ކުނި މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމާއި އަދި ކުނީގެ ރިކޯޑު ބެލެހެއްޓުން ހިމަނާފައިވެއެވެ.

މި އިޞްލާހުގެ ދަށުން ހުރިހާ ރަށެއްގައިވެސް، ކުނި އުފައްދާ ފަރާތުން އެ ކުނި މެނޭޖުކުރުމަށް ދާ ޚަރަދަށް ޤާނޫނީގޮތުން ޒިންމާ ވާން ޖެހޭނެއެވެ. އަދި ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ބައިތައްވެސް ހިމަނާފައިވެއެވެ. އެގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 4 ބަޔަކަށް ވަކިކޮށްފައެވެ. އަދި މާލޭ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންޖެހޭނީ 3 ބަޔަކަށް ވަކިކޮށްފައެވެ.

މާލޭ ސިޓީ ފިޔަވާ އެހެން ތަންތަނުގައި ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ގޮތް:

  • ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  • ޕްލާސްޓިކް ފުޅި
  • މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް
  • މަތީގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި

މާލޭ ސިޓީގައި ކުނި ވަކިކޮށްފައި ބަހައްޓަންޖެހޭނެ ގޮތް:

  • ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  • ޕްލާސްޓިކް ފުޅި
  • މަތީގައި ބަޔާންކޮށްފައިވާ ކުނި ފިޔަވައި އެހެން ހުރިހާ ބާވަތެއްގެ ކުނި


މި އިޞްލާޙުގެ ދަށުން މި ގަވާއިދަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހުއްދަ ދީފައިވާ އެއްގަމު އަދި ކަނޑުގެ އުޅަދުތަކުގައިވެސް ކުނި އުފުލަން ޖެހޭނީ ބައިބަޔަށް ވަކިކޮށްގެން އެއްބައި އަނެއްބަޔާ އެއްނުވާނެހެން ވަކިންނެވެ. އަދި މިގޮތަށް ޢަމަލު ނުކުރާ ފަރާތްތައް ޖޫރިމަނާކުރުމަށް މިގަވާއިދުގައި ވާނީ ހިމަނާފައެވެ.

އެގޮތުން ގޭބީސީއަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާ، ދެވަނަ ފަހަރު 500 ރުފިޔާ އަދި ތަކުރާރުވާ ކޮންމެ ފަހަރަކުވެސް 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތައް، އަދި ކުނި އުފައްދާ އެހެން ފަރާތަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާ، ދެވަނަ ފަހަރު 700 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރުންވެސް ތަކުރާރު ކުރާ ފަހަރުތަކުގައި 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. ސިނާޢީ ރަށެއް ނުވަތަ ރިސޯޓަކުން ކުނި ވަކިނުކޮށްފިނަމަ ފުރަތަމަ ފަހަރު 1000 ރުފިޔާ، ދެވަނަ ފަހަރު 1500 ރުފިޔާ، އަދި ތިން ވަނަ ފަހަރާއި އޭގެ އިތުރަށް ކުނި ވަކި ނުކުރާ ފަހަރުތަކުގައި 2000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުނި ވަކިކޮށްފައިނުވާނަމަ ކުނި ބަލައިނުގަތުމުގެ އިހްތިޔާރުވެސް ކުނި މެނޭޖް ކުރުމުގެ ޒިންމާއާއި ހަވާލުވެފައިވާ ފަރާތަށް ލިބިގެންވާ ކަމަށް އަލަށް ގެނައި އިސްލާހުގައިވެއެވެ.

މި އިޞްލާޙުގައިވާގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާޢީ ރަށްރަށުންނާއި ރިސޯޓުތަކުން ކުނި އުފައްދާ ތަންތަނުގައި ކުނި ވަކި ކުރުމުގެ މާއްދާއަށް އަމަލުކުރަން ފަށާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ. އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ވަކިކުރުމުގެ މާއްދާއަށް ޢަމަލުކުރަން ފަށާނީ 1 ޖޫން 2022 އިން ފެށިގެންނެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުމާއި ގުޅިގެން ކުނި މެނޭޖުކުރުމާއިބެހޭ ގަވާއިދު ތަންފީޒު ކުރާނެ ފަރާތްތައްވެސް ވަނީ މި އިޞްލާހުގައި ހިމަނާފައެވެ. އެގޮތުން މިގަވާއިދު ތަންފީޒުކުރުމުގައި އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޒިންމާތައް ވަކިކޮށް ބަޔާންކޮށްފައިވެއެވެ.

ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން އެފަރާތްތަކުން މެނޭޖުކުރާ ކުނި އުފައްދާ ރަށުގެ ނުވަތަ ދާއިރާގެ ނުވަތަ ސަރަޙައްދުގެ ކުނި މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވާލަންވާނެކަމަށް އަލަށް ގެނައި އިޞްލާޙުގައި ބުނެފައިވެއެވެ. އެގޮތުން ރަށުގައި ނުވަތަ ދާއިރާގައި ކުނި މެނޭޖުކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި، އުފެދޭ ކުނީގެ ބާވަތްތަކާއި މިންވަރާއި، ކުނި މަދުކުރުމަށް އަޅާނެ ފިޔަވަޅުތައް އަދި މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ޕްލޭންގައި ހިމަނަންޖެހޭ އެހެނިހެން ބައިތަކުގެ ތަފްޞީލު މި އިޞްލާޙުގައި ހިމަނާފައިވެއެވެ.