ވިޔަފާރި

ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތަކަށް އެހީވުމަށް އީޔޫއިން 2 މިލިއަން ޔޫރޯގެ އެހީ


ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން 2 މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އީޔޫއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކެވެ.

މިހަފްލާގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢީލް އާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫރަޕިއަން ޔޫނިއަން ދޭ މިއެހީގެ މަޤްސަދަކީ ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދީ ދިވެހިރާއްޖޭގައި ވިލުންވެރި އަދި ސިންދަފާތު ކުރެވިފައިވާ އިޤްތިޞާދެއް ބިނާކުރުމެވެ.

ކުދި ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދެ މިއެހީގެ ތެރެއެިން 1.4 މިލިއަން ޔޫރޯ، ހިލޭ އެހީގެ ގޮތުގައި ކަނޑައެޅިފައިވާ ދާއިރާތަކުގެ ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، 0.6 މިލިއަން ޔޫރޯ ހޭދަކުރުމަށް ކަނޑައަޅާފައިވަނީ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައެވެ. އޭގެތެރޭގައި ވިޔަފާރި ހިންގުމާއި، ފައިނޭންޝަލް މެނޭޖްމަންޓް، ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުން އަދި ފަތުރުވެރިކަމުގެ ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކޮށް 'ނިއު ނޯމަލް' އަށް ރުޖޫޢަވުމަށްޓަކައި ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. ހަމައެއާއި އެކު މި ޕްރޮޖެކްޓްގެ ޒަރިއްޔާއިން ފަރުމާ ކުރެވިގެންދާ އޮންލައިން ޓްރެވަލް އެޖެންސީގެ ޒަރިއްޔާއިން ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިރާއްޖެއަށް ލިބޭ ފައިދާތައް ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް އެހީތެރިވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިޝްތިހާރުވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ކޯވިޑްގެ ސަބަބުން ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ލޯނު އެހީ ފޯރުކޮށްދީފައިވާކަމަށެވެ. އީޔޫގެ މި އެހީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކަށް އަލުން އެ ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ރިސޯސަސްތައް ހޯދުމަށް އެހީއަކަށް ވެގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، ކޯވިޑްގެ އެންމެ ދަތި އުނދަގޫ ދަނޑިވަޅުގައި ގެއްލުމުގައިވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ސަފާރީތަކާއި ގެސްޓްހައުސްތަކަށް ހިންގީތީ ޝުކުރުއަދާކުރަން ބޭނުންވާކަމަށެވެ. "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" ގެ އެވޯޑް 2020 ވަނަ އަހަރު ރާއްޖެއަށް ލިބުނީ ސަފާރީތަކާއި ގެސްޓް ހައުސްތަކުން އެ ދަނޑިވަޅުގައިވެސް ފަތުރުވެރިންނަށް ޚިދުމަތްދިނީތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އީޔޫއިން ރާއްޖެއަށް މި އެހީތެރިކަން ދިނުމުން ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުން މިކަމުގައި ރާއްޖެއާއިއެކު އޮތްކަން ސާބިތުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ހިންގުމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މިފަދަ ވިޔަފާރިތައް އަލުން ކޮޅަށް ޖެހުމަށްޓަކައި މާލީ އެހީތެރިކަމަށް ބޭނުންވެއެވެ.

އީޔޫއިން ފަންޑް ކުރާ މިޕްރޮޖެކްޓް ފަރުމާކުރެވިފައިވަނީ، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގެސްޓް ހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތްތަކަށް އިސްކަންދީގެންނެވެ. މި ޕްރޮޖެކްޓްގެ ސަބަބުން 600 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ވިޔަފާރި އަލުން އާރާސްތުކުރުމަށް އެހީތެރިވެވޭނެ ކަމަށް ލަފާކުރެވެއެވެ.