ބްރެޒިލްއިން ރާއްޖެއައި މީހެއްގެ އަތުން ޖުމްލަ 3.197 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމް ސަރވިސްއިން ބުނީ، ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. ކަސްޓަމްސްއިން ބުނީ އިއްޔެ މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސްއިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން މިތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށާއި، މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.197 ކިލޯގުރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,985,000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށާއި، މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ އިތުރަށް ތަހްޤީޤް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލު ކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.