ޚަބަރު

ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިމެނޭ


ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފަށާފައިވާ ފެނާއި ނަރުދަމާއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރުގެ މެދުތެރޭ ނިމި، ރައްޔިތުންނަށް ޚިދުމަތްދޭން ފެށޭވަރުވާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ތެރެއިން މިވަގުތު އެވޯޑްކުރެވިގެން ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ގިނައީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކެވެ.

ޕްލޭނިންގ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި އެއަރޕޯޓުތަކާއި، ބަނދަރުތައް ހެދުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި، މަގު ހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިމެނެއެވެ. މިއަހަރުގެ ބަޖެޓަށް ބަލާލާއިރުވެސް މި ދެންނެވި ދާއިރާތަކާއި ގުޅުންހުރި 435 މަޝްރޫޢެއް ޕްލޭނިންގ މިނިސްޓްރީގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނާފައިވެއެވެ. މީގެތެރެއިން 130 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ސައިޓުތަކުގައި މިހާރުވެސް ދަނީ ކުރަމުންނެވެ. އަދި އެކި ދާއިރާތައް ހިމެނޭހެން 91 މަޝްރޫޢެއް ވަނީ އެވޯޑްކޮށްފައެވެ. އެވޯޑްކޮށްފައިވާ މަޝްރޫޢުތަކުގެ ޑިޒައިނިންގއާއި، އީ.އައި.އޭ އަދި ސަރވޭގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ކުރަމުން އެބަދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ވަޑައިގަތީ، ހިންގުމުގެ ނިޒާމު ލާމަރުކަޒުކޮށް، ރައްޔިތުންނަށް ބޭނުންވާ ވަކިން ޚާއްސަކޮށް އަތޮޅުތަކަށް ބޭނުންވާ އުމްރާނީ ތަރައްޤީއާއި އަސާސީ ޚިދުމަތްތައް ޤާއިމުކުރެއްވުމުގެ މުހިއްމު ވަޢުދުތަކަކާއެކުއެވެ. އެގޮތުން ޕްލޭނިންގ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން މި ސަރުކާރުގައި 2019 ވަނަ އަހަރުގެ ތެރޭގައި 130 މަޝްރޫޢެއް، 2020 ވަނަ އަހަރު 67 މަޝްރޫޢެއް އަދި މި އަހަރުގެ މިހާތަނަށް 75 މަޝްރޫޢެއް އެކި ފަރާތްތަކަށް އެވޯޑްކޮށްފައިވެއެވެ. މީގެތެރޭގައި ނިސްބަތުން ގިނައީ ފެނާއި ނަރުދަމާއާއި ގުޅުންހުރި އެކި މަޝްރޫޢުތަކެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު ވިދާޅުވީ، 2019 ގައި ކޮންޓްރެކްޓަރުންނަށް އެވޯޑްކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ގާތްގަނޑަކަށް %50 މަޝްރޫޢުގެ ޢަމަލީ މަސައްކަތް %50 އާއި ހަމައަށް ގެންދެވިފައިވާކަމަށެވެ. އެހެންނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރެން ފެށުމާގުޅިގެން މަޝްރޫޢުތަކުގެ ސްޕީޑަށް ބަދަލުތަކެއް އައިސްފައިވާކަމަށް ޝާނާ ވިދާޅުވިއެވެ.

އެގޮތުން ގިނަ މަޝްރޫޢުތަކަކީ 2 އަހަރުގެ ތެރޭ ނިންމާގޮތަށް ޙަވާލުކޮށްފައިވާ މަޝްރޫޢުތަކެއްކަމަށާއި، ކޯވިޑާއެކު 6 މަހާއި 8 މަސް ދުވަހުގެ ޑިލޭއެއް މަޝްރޫޢުތަކަށް އައިސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޯވިޑާއެކު ވަރަށް ބޮޑު މަޑުޖެހުމެއް އައި. 2019 ގައި އަޅުގަނޑުމެން ވަރަށް ގިނަ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވާނެ. އެ މަޝްރޫޢުތަކުގެ އިތުރަށް 2020 ވަނަ އަހަރުގެ ކުރީކޮޅު ސޮއިކުރެވުނު މަޝްރޫޢުތަކާއެކު ސައިޓާ ހިސާބަށް ގޮސްފައިވާ މަޝްރޫޢުތައް ކޮންމެވެސް ވަރަކަށް މަޑުޖެހިގެންދިޔަ ކޯވިޑާއެކު. ޚާއްސަކޮށް ލޮކްޑައުންގެ ތެރޭގައި. އެދުވަސްކޮޅުގެ ތެރޭގައިވެސް ރަށެއް ލޮކްޑައުނަކަށް ނުދާހާ ހިނދެއްގައި ސައިޓުގައި މަސައްކަތް ކުރެވެންހުރި ރަށްރަށުގައި ނުހުއްޓިވެސް މަސައްކަތް ކުރިއަށްގެންގޮސްފައިވޭ" ޝާނާ ވިދާޅުވިއެވެ.

ޝާނާ ވިދާޅުވީ، މަޝްރޫޢުތަކަށް މަޑުޖެހުމެއް އައިނަމަވެސް، ބައިނަލްއަޤްވާމީ ބޯޑަރުތަކާއި ޕޯޓުތައް ހުޅުވާލެވުމާއެކު މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސް، ގިނަ ސައިޓުތަކުގައި މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކުގެ ދުވެލި ހަލުވިކުރެވާކަމަށް ޝާނާ ވިދާޅުވިއެވެ. އަދި އުއްމީދަކީ މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އަންނައަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލުންކަމަށްވެސް ޝާނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ދަންނަވާނީ ސްޕީޑް ޕިކް އަޕް ކޮށްފިޔޭ އިނގޭތޯ. ފެނާއި ނަރުދަމާއަށް ބަލާލާއިރު ވަރަށް ގިނަ ރަށްތަކުގައި މިހާރު ފެނިގެންދާނެ ނެޓްވޯކުގެ މަސައްކަތް ފެށިފައިހުރި ތަން. ކުރިން އަޅުގަނޑުމެންނަށް ކުރެވިގެން މިދިޔައީ އެތަނުގައި ހުންނަ އިމާރާތްތައް، ޕަމްޕް ސްޓޭޝަންތައް ހުންނަ ތަންތަން ހަދަން ފެށުން. މިހާރު ކޮންމެވެސް ވަރަކަށް ހޮޅި ވަޅުލުމުގެ މަސައްކަތްތައް ރަށްރަށުގައި ކުރެވިގެންދާނެ. އަޅުގަނޑުމެންގެ އެކްސްޕެކްޓޭޝަނަކީ މި އަންނަ އަހަރުގެ ސެކަންޑް ކުއަރޓަރގެ ތެރޭގައި 2019 ވަނަ އަހަރު ސޮއިކުރެވުނު މަޝްރޫޢުތައް ގާތްގަނޑަކަށްހެން ނިމުމަކަށް ގެނައުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ" ޝާނާ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން ކޮންޓްރެކްޓަރުންނަށް އެވޯޑްކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްގެންދާ 34 މަޝްރޫޢެއް ހިމެނެއެވެ. އެ މަޝްރޫޢުތައްވެސް މިހާރު އުޅެނީ ޑިޒައިންކުރުމުގެ މަރުހަލާގައިކަމަށާއި، އެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް ކައިރި މުސްތަޤުބަލެއްގައި ފެށިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އޯފިޑް ފަންޑުގެ އެހީގައި ކުރިއަށްގެންދާ 8 މަޝްރޫޢެއްގެ ސަރވޭގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާކަމަށާއި، އެ ރަށްތަކުގައިވެސް ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ. މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ރައްކާތެރި ބޯފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށްދީ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.