ތަޢުލީމު

ކާމިޔާބުގެ ސިއްރަކީ ހިތްވަރު އެލުވާނުލައި ކުރާ މަސައްކަތް: އެޑިއުކޭޝަން މިނިސްޓަރ


ދިރިއުޅުން ކާމިޔާބުކުރަން ބޭނުންނަމަ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކުރުން މުހިއްމުކަމަށާއި، ކާމިޔާބުގެ ސިއްރަކީ ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް މިއަދު ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނާއި މުޚާތަބުކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ، ކޮންމެ މީހަކަށްވެސް އެމީހެއްގެ ދިރިއުޅުމުގެ ކަންކަން ޙާޞިލުވާނީ އެކަމެއްގެ ވަގުތު ޖެހުމުންކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށެވެ. އަދި އެންމެން އުއްމީދު ކުރާގޮތަށް ކަންކަން ދިރިއުޅުމުގައި ރޭވިގެން ނުދިޔަނަމަވެސް ކަންކަމުގައި ނާ އުއްމީދު ނުވުމަށާއި، ހިތްވަރު އެލުވާނުލުމަށް މިނިސްޓަރ ވަނީ ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

"ކާމިޔާބުގެ ސިއްރަކީ ދޫނުކޮށް އެއްވާނެއްގައި ކުރާ މަސައްކަތް. ތިޔަކުދިންގެ ހިތްވަރު. ތިޔަކުދިންގެ ޝަޢުގު. އަބަދުވެސް ހަނދާން ބަހައްޓަންވީ ކުރާ ހިތްވާ ކަންތައްތައް ކުރުމަށްޓަކާ އެކަންކަމަށް ފުރުޞަތު ހޯދުމަށްޓަކާ ކުރާހިތްނުވާ ކަންތައްތައްވެސް ބައެއް ފަހަރަށް ކުރަންޖެހިދާނެކަން. ކެރުމާއެކީ ކުރިމަތިލައިގެން ނޫނީ ކަންކަން ކާމިޔާބު ނުކުރެވޭނެކަން. މާޒީގެ ދުވަސްތަކަކަށްވުރެ ކުލަގަދަ ދުވަސްތަކަކަށް މުސްތަޤުބަލު ހެދިދާނެކަން" މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ސްކޫލް މާހައުލުގައި ކާމިޔާބު ދަރިވަރުން ދިރިއުޅުމުގައި ކާމިޔާބު ނުވެދާނެކަން މިއީ ބައެއް ޢިލްމީ ދިރާސާތަކުން ހޯދިފައިވާ ކަމެއްކަމަށާއި، ރާއްޖޭގައިވެސް ތަޖުރިބާކުރެވިފައިވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމާއި ކުރިމަތިލާ، ދިރިއުޅުން ކާމިޔާބުކުރުމަށް ޝައުޤާއި ހިތްމަތާއެކު މަސައްކަތް ކުރުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިމާވާ ކަންތައްތަކުން މާޔޫސްނުވެ، އުޅެންޖެހިފައިވާ ދަތި މާހައުލުން ނާއުންމީދުނުވެ ކަށިން ހިތްވަރުނެރެގެން ޖޯޝުގައި މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މިސާލަކަށް މީހެއްގެ އިސްކޮޅު ރުކެއްހާ ދިގުވިޔަސް އަދި އޭނާ އެހާ ބާސްކެޓް ބޯޅަކުޅެން އެހާ މޮޅުނުވެދާނެއޭ. ހުރިހާ ފަސޭހަތަކާއި ފަހިގޮތްތައް ގޭގައި ހަމަޖެހިފައި ހުންނަ ކުދިން އަދި ކްލާހުގައި އެހާ މޮޅުނުވެދާނެ. ކިތަންމެ މޮޅު ބައްޕައެއް ނުވަތަ މަންމައެއް ލިބުނަސް، ދިރިއުޅުމުގެ ރޭހުގައި ދަރިފުޅަށް މައިންބަފައިންނާއި ފައިހަމަ ނުކުރެވިދާނެ. ދާރިސުންނަށް ފާހަގަކުރެވުނީ ކާމިޔާބުގެ އަސްލަކީ ގްރިޓްކަން. އާދެ ކަމެއްކުރުމަށް ޝަޢުގުވެރިކަން އުފައްދާ އެކަމެއް ކުރުމުގައި ދެމިހުރުން" މިނިސްޓަރ ވިދާޅުވިއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީއަށްފަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވަނީ އެ ސްކޫލުގައި ޤާއިމްކޮށްފައިވާ އައު ވަޞީލަތްތައް ބައްލަވައިލައްވާފައެވެ.