ޚަބަރު

ޒަމާންތަކަކަށްފަހު ހެނބަދޫ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްފި


ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައި، އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލަ ޙައްލުކޮށްފިއެވެ.

ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީންނެވެ.

14 ހެލްޓަރުގެ ބިން ކުޑަ، 700 މީހުންގެ އާބާދީއެއް އޮންނަ ހެނބަދޫއަށް ރައްގިރުމުގެ މައްސަލައަކީ އެތައް ޒަމާނެއްވީ މައްސަލައެވެ. މައްސަލަ ޙައްލުކޮށްދިނުމަށް އެކި ސަރުކާރުތަކުގައި އެދިގެންވެސް އެ މަސައްކަތަށް މިހާތަނަށްވެސް އެދިވިގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.

ހެނބަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިހާރު މިވަނީ ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނ.ހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ އެރަށަކީ ކުޑަ ރަށަކަށްވުމާއެކު، ބިމުގެ ބޮޑު ސަރަޙައްދެއް އެކި ކަންކަމުގައި ބޭނުންކުރަމުންދާކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ގޭގެއާ، އަދި ބައެއް އާއްމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އިމާރަތްތައްވެސް ރަށުގެ ހޭޅިފަށާ ކައިރީގަ ހުރިކަމަށެވެ. ރަށް ގިރަމުންދިއުމުގެ ސަބަބުން މިފަދަ އިމާރާތްތަކަށް އަސަރުކުރުމުގެ ބިރު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށަކީ ކުޑަ ރަށެއް. އިންޖީނުގެއާ ބަނދަރާ، މީހުން ދިރިއުޅޭ ގެތަށް ހުރި ސަރަޙައްދަށް ގިރަމުންދަނިކޮށް މި ޙައްލުވީ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހުސައިން އަބޫބަކުރު ވިދާޅުވީ މިހާތަނަށް އައިރު ރަށުގެ އުތުރުން އިރަށްވާގޮތަށް، 1800އެއްހާ ފޫޓުގެ ސަރަޙައްދު ގިރާފައިވާކަމަށެވެ.

ހެނބަދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތުގައި 235 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކުރުމާއި، 25 މީޓަރުގެ ހުރަސް ތޮއްޓެއް ލުމާ، 235 މީޓަރުގެ ސަރަޙައްދުގަ ޖިއޯޓެކްސްޓައިލްސް ޖެހުން ހިމެނެއެވެ.

ހެންބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު ވިދާޅުވީ، އެރަށަކީ އާބާދީ ކުޑަ ރަށަކަށްވުމުން، ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ހިންހަމަޖެހުމެއްކަމަށެވެ. ހެނބަދޫގެ އާބާދީ 700 މައްޗަށް އަރައެވެ.

މިއީ ސަރުކާރުގެ ބަޖެޓުން 5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ.