ޚަބަރު

ތަރައްޤީގެ ޕްލޭންގައި އެންމެ މުހިއްމުކަމެއް ދޭނީ ބޯހިޔާވަހިކަމަށް: އޭދަފުށީ ކައުންސިލް


އޭދަފުށީ ކައުންސިލުން ކުރިއަށް މިއޮތް ފަސްއަހަރަށް އެކުލަވާލާ ތަރައްޤީ ޕްލޭންގައި އެންމެ މުހިންމުކަމެއް ދޭނީ ރައްޔިތުންނަށް ދިމާވެފައި އޮތް ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ކަމަށާއި، ކުރިއަށްމިއޮތް ފަސް އަހަރުތެރޭގައި އެކަމަށް ހައްލުހޯދުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުސިލުން ކުރިއަށް އޮތް ފަސްއަހަރަށް ތައްޔާރު ކުރާ ތަރައްޤީ ޕްލޭން އެކުލަވާލިއިރު ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމު އެއްކަމެއްގެ ގޮތުން ފާހަގަކުރެވުނީ ބޯހިޔާވަހިކަމުގެ މައްސަލައެވެ.

އޭދަފުށީ ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކައުންސިލުން ގެންގުޅޭ ވިސްނުން ހާމަކުރަމުން އެރަށު ކައުންސިލްގެ ރައީސް މުހައްމަދު ފާތިޙް ވިދާޅުވީ އަލަށް އެކުލަވާލާ 5 އަހަރުގެ ތަރައްޤީ ޕްލޭންގައި އެންމެ ބޮޑު އެއްއިސްކަމެއް ދީފައިވަނީ ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށެވެ. މިހާރުވެސް މި މަސައްކަތް ހައުސިން މިނިސްޓްރީ އާއި އަތޮޅު ކައުންސިލާ ގުޅިގެން ކުރަމުންދާކަމަށް ފާތިޙް ވިދާޅުވިއެވެ.

"މީ އޭދަފުށީ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑުއެއްމައްސަލަ މިކަމަށް ހައްލުހޯދުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ މިހާރުވެސް މިރަށުގައި ގޮދޮރު ބޭނުންވާ އެތައް އާއިލާއެއް އެބަތިބި އެހުރިހާކަމެއް ދެނެގަނެ ސަރުކާރާ ގުޅިގެން ހައުސިން ޔުނިޓް ނުވަތަ ފްލެޓް ތަކެއް އެޅޭތޯ މަސައްކަތް ކުރަމުންމިދަނީ" ފާތިޙް ވިދާޅުވިއެވެ.

އެކައުންސިލުން މިކަން ހާމަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީމަހު އޭދަފުށިން 158 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެރަށުން ދޫކުރުމަށް ނިންމާފައިވަނީ 1400 އަކަފޫޓްގެ މި ގޯތިތަކަށް އެދި 662 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ. ހިއްކި ސަރަހައްދުން ދޫކުރާ މިގޯތިތަކުގެ މަސައްކަތް ހުއްޓިފައި އޮތީ ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން އެމައްސަލަ ވަކި ގޮތަކަށް ނިމެންދެންކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ ރައީސް ފާތިޙް ވިދާޅުވީ ކޯޓު މަރުހަލާގައި އޮތް މި މައްސަލައަށް ލަސްތަކެއް ނުވެ ހައްލުލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށެވެ.

3600 އަށްވުރެ ބޮޑު އާބާދީ އެއް އޮންނަ އޭދަފުށިން މީގެ ކުރިން ވަނީ 659 ގޯތި ދޫކޮށްފައެވެ. އެންމެ ފަހުން އެރަށުން ގޯތި ދޫކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. ބިން ފުރި ގޯތި ނުލިބި ތިބި އަދި ގޯތި ބޭނުންވާ އެތަކެއް ޢާއިލާތަކެއް ދިރިއުޅެމުން ދިއުމާ ގުޅިގެން 2014 ވަނަ އަހަރު ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 126 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ބ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކޮޑި ޖަމްއިއްޔާއާ ގުޅިގެން ބ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަރައްޤީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ އޭދަފުށީގައި ނިމިފައިވާއިރު، މި ޕްލޭންގައި ރައްޔިތުން ގުޅުން ހުރި ގިނަ ކަންތައްތަކެއް އެރަށު ކައުންސިލުން ވަނީ ހިމަނާފައެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބޭގޮތަށް އެރަށުގައި އައިސްޕްލާންޓެއް ޤާއިމް ކުރުމާއު، ބިއްލޫރި ފުޅީގައި ފެންބަންދު ކުރާ ޕްލާންޓެއް ޤާއިމްކުރުން ހިމެނެއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން އެކުލަވާލައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޯވިޑް-19ގައި ގިނަ ރަށްތަކެއް މޮނިޓަރިންގައި އޮތުމުން މިމަސައްކަތް ވަނީ އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިފައެވެ.