ޚަބަރު

ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ، ސަމާލުވޭ!


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ކަނޑުދަތުރުކުރާ ފާރަތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މާދަމާ ހެނދުނު 6 ޖެހުމާ ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެއިދާރާއިން ވިދާޅުވީ ކަނޑުތައް ގަދަވުމާއެކު ރާޅުގެ އުސްމިނުގައި 3 ފޫޓާއި 7 ފޫޓު ހުންނާނެކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވަނީ މާލެއަށް މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން، ސަލަ ތައި ރެސްޓޯރަންޓުގެ ގޯތިތެރޭގައި ހުރި ނިކަ ގަހެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ރެސްޓޯރަންޓުގެ ގޯތިތެރޭގައި ހުރި ނިކަ ގަހާ އެކު އެރެސްޓޯރެންޓުގެ ފާރުން ބައެއްވެސްވަނީ ވެއްޓިފައެވެ. މިއާއެކު މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށްވެސް ވަނީ އެކި ވަރުގެ ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.