ޢާއްމުގޮތެއްގައިވެސް ހޫނު މޫސުމުގައި ފެނަށް ޖެހުމަކީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރުމަށް ދާއިމީ ގޮތެއްގައި މިހާތަނަށް މާބޮޑުކަމެއް ކުރެވިފައި ނުވިނަމަވެސް ވަގުތީ ޙައްލު ރައްޔިތުންނަށް ހޯދައިދިނުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރެއްގައިވެސް ބޮޑު ޚަރަދެއް މިކަމަށް ހިންގައެވެ. އެގޮތުން ވޭތުވެދިޔަ ކައިރި މާޒީގައި ގާތްގަނޑަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށުގެ ތެރެއިން 85 ރަށަށް ހޫނު މޫސުމުގައި ފެނަށް ޖެހި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަންޖެހެއެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި މިރަށްރަށަށް ފެން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ.
މިކަމަށް ޙައްލެއް ގެނައުމަށް ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްގެންގެވުމުގެ މަތިން ބޮޑު މަޝްރޫޢެއް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ރައްކާތެރި ސާފު ބޯފެނާއި ނަރުދަމާ ޤައިމުކުރުމުގެ މަސައްކަތުގެ ދަށުން 54 ރަށެއްގައި ޢަމަލީ މަސައްކަތް ކުރިއަށްދާއިރު 60 އަށްވުރެ ގިނަ ރަށުގެ އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ވަނީ ޙަވާލުކޮށްފައެވެ.
ރައްކާތެރި ސާފު ބޯފެން ރައްކާކުރުމުގައި ރަށްރަށަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. ބައެއް ރަށްރަށަށް ކަޅު ހަން ފޯރުކޮށްދީފައިވީނަމަވެސް މިއީ މިމައްސަލައަށް އޮތް ދާއިމީ ޙައްލެއް ނޫނެވެ. ވާރޭ ފެން ރައްކާކުރުމުގައި ސަމާލުވާންޖެހޭ މިންވަރަށް ނުވުމުގެ ސަބަބުން ސިއްޙީ އެތައް މައްސަލަތަކެއް ކުރިމަތިވުމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ. އެގޮތުން ރައްކާތެރިކަމަށް ބެލުމެއް ނެތި ނަގާ ވާރޭ ފެނުގެ ސަބަބުން ލޮލަށް ފެނުމުން މަޙުރޫމް ވުން ނުވަތަ ލޮލަށް ފެންނަ މިންވަރު ކޮންމެވެސް ވަރަކަށް ދަށްކޮށްލާ ޖަރާސީމު މިފެނުގައި އެކުލެވެއެވެ. އަދި މިފަދަ ކޭސްތަކެއް ރާއްޖޭގެ ބައެއް ރަށްތަކުން ރިޕޯޓުކޮށްފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ޑައިރިއަލް ޑިޒީޒް ނުވަތަ ބޭރަށް ހިނގާ ރޯގާއަކީވެސް މީގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑަބްލިއުއެޗްއޯއިން ހާމަކުރައްވާގޮތުގައި މިއީ މުޅި ދުނިޔޭގައިވެސް ޢުމުރުން 5 އަހަރުން ދަށުގެ ކުދިން ދެވަނައަށް އެންމެ ގިނައިން މަރުވާ ސަބަބެވެ. މީގެއިތުރުން މިފަދައިން ނެގޭ ފެނުގެ ސަބަބުން ތަފާތު ހަމުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ. އެހެންކަމުން ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މީގެ ސަބަބުން ކުރިމަތިވަނީ ހަމައެކަނި މާލީ ގޮންޖެހުންތަކާއި ސިއްޙީ މައްސަލަތަކެއް ނޫނެވެ. މިއީ ތިމާވެއްޓަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ސާފު ބޯފެނަށް ޖެހުމުގެ ސަބަބުން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައިވާ ފެނެވެ. އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކާ ދެކޮޅަށް ސަރުކާރުން ތެދުވުމަށް މަސައްކަތްކުރާއިރު މިމައްސަލަވެސް ޙައްލުވާން އަންނަނީ ރައްކާތެރި ބޯފެނުގެ ދާއިމީ ނިޒާމެއް ޤާއިމުވެގެންނެވެ.
މިކަން ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ޤާނޫނީ އިމުގެ ތެރެއިން މިމައްސަލަ ޙައްލުކުރުމަށް މިހާރުވަނީ ފުރަތަމަ ފަހަރަށް ފެނާ ނަރުދަމާގެ ޤާނޫނެއް އެކުލަވާލާފައެވެ. މީގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި ކޮންމެ ރަށަކަށްވެސް އެރަށަކާ އެކަށީގެންވާ ފެންވަރުގެ ނަރުދަމާ ނިޒާމެއް ޤާއިމުކޮށް ފެނާއި ނަރުދަމާގެ އުސޫލުތަކާއި މިންގަނޑުތަކެއް އެކުލަވާލާ ފެނުގެ ވަޞީލަތް ދެމެހެއްޓެނިވިގޮތެއްގައި ދިނުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިއާއެކު ކުރެވޭ އުއްމީދަކީ ރައްކާތެރި ފެންނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކަމިޔާބުވެ ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ ލިބިގެންދިޔުމެވެ.