ޚަބަރު

އައިޕީއެސް ޓްރެއިނިންގ ކޯސް 7 ފުލުހަކު ފުރިހަމަކޮށްފި


އިންޑިއަން ޕޮލިސް ސަރވިސް ޓްރެއިނިންގެ 71 އަދި 72 ވަނަ ޓްރެއިނިން ކޯހުން 7 ފުލުހަކު ތަމްރީނު ހާސިލުކޮށްފިއެވެ.

އައިޕީއެސް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، އިންޑިއާގެ ހައިދަރުއާބާދުގައި ހުންނަ ސަރުދާރު ވައްލަބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީގައެވެ.

މިއަދު ކޯސް ނިންމި 7 ފުލުހުންގެ ތެރެއިން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ނާޒިމް ވަނީ ޓްރޮފީ ފޮރ އަންއާމްޑް ކޮމްބެޓް އަދި ރޮކް ކްލައިމްބިންގ އިން 1 ވަނަ ހޯދައި ޓްރޮފީ ހާސިލުކޮށްފައެވެ. މިއަދު ކޯސްނިންމި ހަތް ފުލުހުންނަކީ މިހާތަނަށް ފޭސް 2 ފުރިހަމަކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދެ ބެޗުގެ ދިވެހި ދަރިވަރުންނެވެ.

އައިޕީއެސް ޓްރެއިނިންއަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި ތަހުގީގުކުރުމާއި، ފޮރެންސިކް ސައިންސްގެ އިތުރުން ކްރިމިނޮލޮޖީއާއި ގާނޫނުތަކާއި އަދި އެނޫންވެސް ފުލުހުންގެ މަސައްކަތާ ގުޅޭ ބައިތަކުން ކިޔަވައިދީ ތަމްރީނުދެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 1998 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް ދަނީ ލިބެމުންނެވެ. އެގޮތުން، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފްވެސް ވަނީ 2004 ވަނަ އަހަރު މި ތަމްރީނު ފުރިހަމަކޮށްފައެވެ. މީގެ އިތުރުންވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ސަފުގައި ތިބި ވަރަށް ގިނަ ފުލުހުންވެސްވަނި މި ތަމްރީނު ހަދާފައެވެ.

އައިޕީއެސް ޓްރެއިނިންގެ 73 ވަނަ ބެޗުގައި މިހާރުވެސް 4 ފުލުހަކު ދަނީ ތަމްރީނު ހަދަމުންނެވެ. އަދި މި އަހަރު އިތުރު ފުލުހުން ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ލިބިފައެވެ.