ރިޕޯޓް

ފިއްލަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނަރުދަމާ ނިޒާމުގެ ތަކުލީފަށް ނިމުމެއް


އާބަދީގައި 1100 އެއްހާ މީހުން ދިރިއުޅެމުން އަންނަ ހއ.ފިއްލަދޫއަކީ ޒަމާނުއް ސުރެއްވެސް ފެނާއި ނަރުދަމާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތި ވަމުން އަންނަ ރަށެކެވެ. އެގޮތުން އެރަށުގެ ފެންތިލަކަމާއިއެކު ފެން ތަޣައްޔަރުވުމުގެ މައްސަލައަކީ ވަރަށްބޮޑު މައްސަލައަކަށް ވަނީ ވެފައެވެ.

ރާއްޖޭގެ ފެންތިލަ ރަށްތަކުގެ ތެރެއިން ފިއްލަދޫއަކީ ވެސް އެ އަތޮޅުން ފާހަގަ ކޮށްލެވޭ ރަށެކެވެ. މި ކަމުގެ ސަބަބުން ފެން ލޮނުވުމާއި ޖަންކްޝަންތައް ފުރި ބަންޑުންވެ ބައެއްހާލަތްތަކުގައި މަގުތަކަށްވެސް ނަޖިސް އެޅެއެވެ. ފެނާއި ނަރުދަމާގެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން އެރަށު ރައްޔިތުންނަށްވަނީ ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައެވެ. ފެންތިލަވުމުގެ ސަބަބުން އެރަށުގެ ފެން ތަޣައްޔަރުވެ މިކަމުގެ ސަބަބުން ދަނޑުވެރިންނަށްވެސް ބޮޑެތި ގޮންޖެހުން ތަކަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ގިނަފަހަރަށް އެރަށުގެ ރައްޔިތުންނަށް ފެންވަރަން ސާފް ފެން ލިބުންވެސް ދަތިވެއެވެ. ނަމަވެސް މިއަދު މިވަނީ އެރަށު ރައްޔިތުން އުފުލަމުން ދިޔަ އެތަކްލީފް ތަކަށްނިމުމެއް އައިސްފައެވެ.

ފިއްލަދޫގެ ކައުންސިލްގެ ރައީސް ފަތުޙުﷲ ވިދާޅުވީ މިއަދުގެ ސަރުކާރުން އެރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެނުގައި ކުލަޖައްސާދީފައިވާ ކަމަށެވެ. މިހާރު އެރަށުގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތާއެކު ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަދުވަހު ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގަ މިހާރު ކުރިޔަށް ދަނީ ޕަންޕު ސްޓޭޝަން ހެދުމާ ހޮޅިވަޅުލުމުގެ މަސައްކަތެވެ. މިމަސައްކަތް މިއަންނަ އަހަރުތެރޭ އެއްކޮށް ނިމާލެވޭނެކަމަށް ފަތުހުﷲ ވަނީ ވިދާޅުވެފައެވެ.

ފިއްލަދޫގައި ކުރިއަށްގެންދާ ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ ދަށުން ގްރެވިޓީ އަދި ޕްރެޝަރ ނެޓްވޯކް އެޅުމާއި ޕަންޕް ސްޓޭޝަން ބެހެއްޓުމާއި ނަރުދަމާ ސީ އައުޓްފްލޯ އެޅުމާއި އެޑްމިނިސްޓްރޭޝަން އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ރިވަރސް އޮސްމޯސިސް ޕްލާންޓް ބެހެއްޓުމާއި ސްޓޯރޭޖް ޓޭންކާއި ރެއިން ވޯޓަރ ކަލެކްޝަން ސިސްޓަމެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ވޯޓަރ ޑިސްޓްރިިބިއުޝަން ނެޓްވޯކް އެޅުމުގެ އިތުރަށް އެޑްމިނިސްޓްރޭޝަން އިމާރާތެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ނިމުމުން އެރަށުގައި މީހުން ދިރިއުޅޭ 150 ގެއަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ބަޖެޓުންނާއި އެކި ފަރާތްތަކުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެކުގައެވެ. އެގޮތުން މުޅި މަޝްރޫޢަށް ޖުމްލަ ހަތާވީސް މިލިޔަން ތިންސަތޭކަ ނުވަދިހަ ނުވަހާސް ހަތްދިހަ ފަސް ރުފިޔާ ޚަރަދުވެއެވެ.