ކޯވިޑް-19

ފުވައްމުލަކު ކަރަންޓު މައްސަލަ މާދަމާ ހައްލުވާނެ: ފެނަކަ

ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ މާދަމާ ހައްލުވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ކަރަންޓު ނެޓުވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އިއްޔެ އެރަށަށްވަނީ 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް ގެންގޮސްފައެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ފުވައްމުލަކުން ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. ފުވައްމުލަކު ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. މިކަމަށް ވަގުތީ ހައްލެއް ހޯދާ، ހޯމަ ދުވަހުގެ ވަގުތެއްގައި ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، ފުވައްމުލަކު ކަރަންޓު މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީން ގެންދިޔަ ޓްރާންސްފޯމަރު އިންސްޓޯލްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ ޓްރާންސްފޯމަރު މައި ނެޓްވޯކާ ގުޅާލެވޭނެކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ، މި މަސައްކަތް ކުރެވެން އަންނަނީ މުޅި ސިޓީން އެއްކޮށް ކަރަންޓު ކަނޑާލައިގެންކަމުން، އެކަން ދުރާލާ ރައްޔިތުންނަށް އަންގާނެކަމަށެވެ. އަދި މާދަމާ މި މައްސަލަ އެއްކޮށް ހައްލުވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު ގާތްގަނޑަކަށް އިންސްޓޯލްކޮށް ނިމެނީ. މާދަމާގެ ވަގުތެއްގައި އަޅުގަނޑުމެންނަށް އެއްކޮށް ކަނެކްޓްކޮށް ނިންމާލެވޭނެ. އެއީ މުޅި ރަށުން ކަރަންޓު ކަނޑާލައިގެން ކުރެވޭނެ ކަމަކަށްވާތީ އެކަމަށް މިދަނީ ތައްޔާރުވަމުން. މިރޭ އަޅުގަނޑުމެން އަންގާނަން ކިހާއިރެއް އެކަމަށް ނަގާނެކަމާއި ކަރަންޓު ކަނޑާލާނެ ގަޑިތައް" ސަޢީދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަމާޒަކީ މިމަހުގެ ތެރޭގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ފެނަކައިން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާވަރުގެ ހައްލެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.