ތަރައްްޤީ

ފައިނުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުން: ރަށަށް އިޤްތިޞާދީ އާރޯކަން ގެނުވާނެ މަޝްރޫޢެއް


ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އެމަޝްރޫޢުގެ ކޮންޓްރެކްޓަރ އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ. އެގޮތުން ފެންފަށަލަ ލޮނުވުމާއި، ނުބައި ވަސް ދުވުމުން ހިމެނެއެވެ. އަދި ބިމު އަޑިއަށް ނަޖިސް ފެން ހިންދާ ޖަންކްޝަން ހެދުމުގެ ސަބަބުން މި މައްސަލަ ގިނަ ރަށްރަށަށް ވަނީ ކުރިމަތިވެފައެވެ. މިހާ ދުވަސްވީއިރުވެސް ބައެއް ރަށްރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށްރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެފަދަ އެއް ރަށަކީ ރ. ފައިނެވެ.

480 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ ފައިނުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ރަށުގެ ރައްޔިތުން ތިބީ މިކަމަށް އަވަސް ހައްލެއް ލިބިގެންދާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ފައިނު ރައްޔިތުންގެ މި އުއްމީދު ހަޤީޤަތަކަށް ހަދައިދިނުމަށްޓަކާ، ރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ސަރުކާރުން ދަނީ ކުރަމުންނެވެ.

އެގޮތުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ފައިނަށް ގެންގޮސްފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފައިނު ކައުންސިލުގެ ރައީސް، މޫސާ އުމަރު މަނިކު ވިދާޅުވީ، ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެފައިވާތާ ޒަމާންތަކެއްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. ރަށުގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢަކީ ކައުންސިލާއި އަދި ރަށުގެ ރައްޔިތުންވެސް ވަރަށް އިންތިޒާރުކުރަމުންދާ މަޝްރޫޢެއް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢެއްގެ ސަބަބުން ލޯކަލް ޓޫރިޒަމް ފަދަ އިޤްތިޞާދީ އިތުރު ހަރަކާތްތަކަށް ރަށް ހުޅުވާލުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"މިހާރު އާރް.އޯ ޕްލާންޓުގެ ގާތްގަނޑަކަށް %70 މަސައްކަތް އެހުރީ ނިމިފައި. ބައެއް ހޮޅިތައްވެސް ވަޅުލާ، އިތުރު ސާމާނުވެސް ރަށަށް ވަނީ ގެނެސްފައި. އަޅުގަނޑުމެން އުއްމީދު މިކުރަނީ ވަރަށް އަވަހަށް މަސައްކަތް ފެށިގެންދާނެކަމަށް. ވަރަށް ބޮޑު ހައްލެއް އޭރުން ރަށަށް ލިބިގެންދާނެ. ޚާއްސަކޮށް ލޯކަލް ޓޫރިޒަމް ފަދަ މަސައްކަތްތައް ފަށަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ހުއްޓުމަކަށްވެފައި މި އޮންނަނީ ފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން. އެހެންވީމަ ވަރަށް ބޮޑެތި އުއްމީދުތަކެއް ރައްޔިތުންގެވެސް އެބަހުރި" ފައިނު ކައުންސިލުގެ ރައީސް މޫސާ އުމަރު މަނިކު ވިދާޅުވިއެވެ.

ފައިނުގައި އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފައިނުގައި 5.06 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކުރުމާއި، 943 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 3 ޕަންޕިންގ ސްޓޭޝަނާއި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިނަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަންވެސް ކުރަމުންދާ ރަށެއްކަމުން، މި ނިޒާމުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ސަރަހައްދުތަކަށް ފަސޭހައިން ފެން ލިބޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

66.6 ހެކްޓަރުގެ ފައިނުގައި ފެނާއި ނަރުދަމާގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 63.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ފުރިހަމަ ކުރުމަށް އެމް.ޑަބްލިޔު.އެސް.ސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ފައިނުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.