ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމަރެއް ގެންގޮސްފިއެވެ. އިއްޔެ ރޭ ފަތިހުން ފެށިގެން ފުވައްމުލަކުން ފެނާއި ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާފައިވާއިރު، އެމައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކު ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. މިކަމަށް ވަގުތީ ހައްލެއް ހޯދާ، އިއްޔެގެ ވަގުތެއްގައި ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، ފުވައްމުލަކު ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށްޓަކާ އައްޑޫސިޓީން ގެންނަ 4500 ކޭވީއޭގެ ޓްރާންސްފޯމަރު ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާކަމަށެވެ. އަދި ޓްރާންސްފޯމަރު އަންލޯޑުކުުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، މިއަދުގެ ވަގުތެއްގައި އެ ޓްރާންސްފޯމަރު މައި ނެޓްވޯކާ ގުޅާލެވޭނެކަމަށެވެ.
ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަމާޒަކީ މިމަހުގެ ތެރޭގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާވަރުގެ ހައްލެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.