ޚަބަރު

ބޮޑު ޗުއްޓީއަށްފަހު އިތުރު ރާޅަކުން ސަމާލަތްވުމަށް ރައްކާތެރިވަމާ


ބޮޑު ޗުއްޓީއަކަށްފަހު ގިނަ ބަޔަކު އަނެއްކާވެސް ދަތުރުކުރަމުންދާއިރު އަތޮޅުތެރެއިން ބަލި ޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. މިޢަދަދުތައް މަދުކުރުމަށްޓަކާ ކޯވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އިތުރަށް ސަމާލުނުވެވިއްޖެނަމަ ޗުއްޓީއަށްފަހު ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ނުކުރެވި ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު މިއަހަރުގެ އަޟްޙާ ޢީދާއި މިނިވަން ދުވަހާ ދިމާކޮށް ގިނަ ބަޔަކުވަނީ އެކި ރަށްރަށަށް ދަތުރުކޮށްފައެވެ. ދެމުނާސަބަތާއި ސްކޫލް ބަންދާ ދިމާކޮށް ލިބުނު ބޮޑު ޗުއްޓީއަށްފަހު ގިނަ ބަޔަކު މިހާރު އަންނަނީ މާލެއަށް އަންނަމުންނެވެ. މީގެއިތުރުން މާލޭގައި ތިބި ބައެއް މީހުން އެނބުރި ރަށްރަށަށްވަނީ ދާންފަށާފައެވެ. ޗުއްޓީގައި ދަތުރުފަތުރުކުރުމަށް ދިން ލުޔާއެކު އޭގެފަހުން ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު އޮތްކަމަށް އެޗްޕީއޭއިންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އަދި އެގޮތަށް މެދުވެރިނުވާނެހެން ޢަމަލުތައް ބެހެއްޓުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ. ކޯވިޑްގައި ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި ރާޅަށްފަހު ޗުއްޓީއާ ދިމާކޮށް ލުއި ދީފައިވަނީވެސް އުސޫލުތަކަކާއެކުގައެވެ.

އެގޮތުން އެއްކޮށް ދަތުރުކުރާ މީހުން ފިޔަވާ އިތުރު ބަޔަކާއެކު ދަތުރު ދިޔުމާއި ކެއުމާއި އެކި ކަހަލަ އެއްވުން ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި ޢީދުގައި ބާއްވާ އެކި ޙަރަކާތްތަކާއި ކުޅިވަރު މުބާރާތްތައްވެސް ނުބޭއްވުމަށްވަނީ އަންގާފައެވެ. މިގޮތަށް އެންގިނަމަވެސް ގިނަ ދުވަސްތަކެއްވަންދެން ބަންދުވެފައި ތިބުމަށްފަހު ލިބުނު ޢީދު ގިނަ ރަށްރަށުގައި ފާހަގަކޮށްފައިވަނީ ވަރަށް ފޯރީގައެވެ.

ކޯވިޑްގެ އެންމެ ފަހުން އައި ރާޅުގައި އަތޮޅުތެރޭގެ ރަށްރަށުން އެވްރެޖްކޮށް 200އާއި 500އާއި ދެމެދުގެ އަދަދަކަށް ކޭސްތައް ވަނީ ރިޕޯޓުކޮށްފައެވެ. އެރާޅާ ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ކޭސްތަކުގެ ޖުމްލަ އަދަދުވަނީ ވަނީ 100އިން ދަށަށްގޮސްފައެވެ. އެހެންނަމަވެސް ކޭސްތަކުގެ އަދަދު ދޭތެރެއަކުން 100އިން މައްޗަށްވެސް އަރައެވެ.

އެހެންކަމުން ގިނަ ދުވަސްތަކަކަށްފަހު މިއަހަރުގެ ދިރާސީ އަހަރާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދިނުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި ރަށްރަށުން މާލެއައިސް އަދި މާލެއިން ރަށްރަށަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން އިސްކުރުމާއި އެމީހެއްގެ ކޮންޓެކްޓް ބަބްލް ކުޑަކުރުމަކީ މުހިއްމުކަމެކެވެ. ކޯވިޑްއާ ގުޅިގެން ކިޔަވާ ކުދިންގެ ތަޢުލީމަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެކުދިންގެ ކިޔެވުމާއި ކުރިމަގަށްޓަކާވެސް ރައްކާތެރިކަން އިސްކޮށް ޢަދަދުތައް ދަށްކުރަން ޖެހެއެވެ.
މީގެ އިތުރުން ކޯވިޑާއި ގުޅިގެން ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ފަށައިގަނެފައިވާ މިދަނޑިވަޅުގައިވެސް ބަލީގެ އިތުރު ރާޅެއް އައުމުގެ ފުރުސަތު ކުޑަކުރަންޖެހެއެވެ. އެންމެ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވާން އެބަޖެހެއެވެ. ނޫންނަމަ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކޯވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ތަކުރާރުވުމަކީ ދުރުކަމެއް ނޫނެވެ.