ޚަބަރު

ފުވައްމުލަކުން ފެނާއި ކަރަންޓް ކެނޑިއްޖެ؛ މައްސަލަ ހައްލުކުރުމަށް 10 ވަރަކަށް ގަޑިއިރު ނަގާނެ


ފުވައްމުލަކު ސިޓީއަށް ރޭ ފަތިހު ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 10 ވަރަކަށް ގަޑިއިރު ނަގާނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ މައި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރޭ ފަތިހުން ފެށިގެން އެ ސިޓީން ވަނީ ފެނާއި ކަރަންޓު ކެނޑިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވީ، އެ ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރެއް ގްރައުންޑްވުމުގެ ސަބަބުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސިޓީގެ ގާތްގަނޑަކަށް 80 އިންސައްތައިން ކަރަންޓާއި ފެން ކެނޑިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިގެ ޓީމުން ކުރަމުންދާކަމަށެވެ. އެގޮތުން އައްޑޫ ސިޓީން 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ވަގުތު ނަގާނެކަމަށާއި، މިހާރު އަންދާޒާ ކުރެވެނީ މުޅި ސިޓީއަށް އަލުން ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް 10 ގަޑިއިރާއި 12 ގަޑިއިރުގެ މުއްދަތެއް ނަގާނެކަމަށެވެ.

"އަޅުގަނޑުމެންނަށް އަންދާޒާކުރެވޭގޮތުގައި ވަގުތުތަކެއް ނަގާނެ މިކަންކުރަން. އެއީ އައްޑޫއިން ޓްރާންސްފޯމަރެއް ގެނެސްގެން އެ ނެޓްވޯކާ ކަނެކްޓްކުރުމަށްވެސް ވަގުތުނަގާނެތީ. އެހެންވީމަ ފުވައްމުލަކު ބޮޑުބައެއްގައި މިވަގުތު ކަރަންޓެއް ނޯންނާނެ. މިހާރު މަސައްކަތް މިދާ ސްފީޑަށް ބަލާނަމަ 10 ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގެ ވަގުތެއް ނަގާނެ" ސައީދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. ސައީދު ވިދާޅުވީ، އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ މިމަހުގެ ތެރޭގައި އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުވައްމުލަކު އިންޖީނުގެއަކީވެސް އަޅުގަނޑުމެން ރީލޮކޭޓްކުރަން ނިންމާ، މަސައްކަތް ފެއްޓުމުގެ މަރުހަލާގައި އޮތް އިންޖީނުގެއެއް. އެ މަޝްރޫޢު ނިމިގެންދާއިރު މުޅި ނެޓްވޯކާއި ހުރިހާކަމެއްދާނީ ބަދަލުވެގެން. އެ ސިޓީގެ ނެޓްވޯކާއި އިންޖީނުގެއަކީވެސް ހަމަ ވަރަށް ނާޒުކު ޙާލަތެއްގައި، ރަށުގެ އާބާދީއާއި އެކަށީގެންނުވާ ނެޓްވޯކެއް. އަދި އިންޖީނުގެ ހުރި ތަނަކީވެސް ރަށުގެ ރައްޔިތުންނަށް ވަރަށް އުނދަގޫ ހިސާބެއްގައި ހުރި ތަނެއް" ސައީދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އެކަށީގެންވާވަރުގެ ހައްލެއް ލިބިގެންދާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.