ޚަބަރު

އިތުރު 249 މީހުން ކޯވިޑުން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފި


ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް، އިތުރު 249 މީހުން ރާއްޖެއިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ ދެލައްކަ ފަސްދޮޅަސް އެއްހާސް ހަސަތޭކައަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރި 249 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ފުރިހަމަކުރި 12 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ޖެހި 237 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދުވަނީ 261،605 (ދެލައްކަ ފަސްދޮޅަސް އެއްހާސް ހަސަތޭކަ ފަހަކަށް) އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހޯމަ ދުވަހު ޖަހަފައިވަނީ 58 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2 މީހަކާއި އަތޮޅުތެރެއިން ވެކްސިން ޖެހި 56 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 321،429 (ތިންލައްކަ އެކާވީސް ހާސް ހަތަރުސަތޭކަ ނަވާވީހަށް) އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.