މުނިފޫހިފިލުވުން

ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު މިރޭ ޓީވީއެމްއިން


މިނިވަން ދުވަސް ފާހަގަކުރުމަށް ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވ މިރޭ އޮންނާނެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ފާންނާނުންގެ މިއުޒިކީ ޢީދު ޝޯވ ބޭއްވުމަށް ހަމަޖެހިފައިވަނީ ލައިވް ޝޯވއެއްގެ ބަދަލުގައި، ޓީވީ ރިކޯޑެޑް ޝޯވއެއްގެ ގޮތުގައެވެ. މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެންނެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ނެޝެނަލް ސެންޓަރ ފޯ ދަ އާޓްސް، އެން.ސީ.އޭއިން އިންތިޒާމްކޮށްގެން ބާއްވާ މި ޝޯވ ޕަބްލިކް ސަރވިސް މީޑިއާގެ ޓެލެވިޜަން މޯލްޑިވެސްއިން މިރޭ 10:00 ޖަހާއިރު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާޢިލް ނަޝީދު ވިދާޅުވީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވއިންވެސް ބެލުންތެރިންނަށް ޝަޢުގުވެރި ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާނެކަމަށެވެ. އެގޮތުން 12 ގްރޫޕަކުން ގާތްގަނޑަކަށް 80 ވަރަކަށް ދިވެހި ފަންނާނުންގެ ބައިވެރިވުން މިފަހަރުގެ ޝޯވއަށް ލިބިފައިވާކަމަށް ނާޢިލް ވިދާޅުވިއެވެ. މީގެ ތެރޭގައި 4 ބޮޑުބެރު ގްރޫޕަކާއި، ކަލްޗަރަލް ޕަރފޯމަންސް ގްރޫޕެއްގެ އިތުރުން، ތަފާތު ޖޯންރާތަކުގެ މިއުޒިކް ބޭންޑުތަކުގެ ހުށަހެޅުންތައް މިރޭގެ ޝޯވއިން ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނާޢިލް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން ދިވެހި ފަންނާނުންގެ ޢާމްދަނީއަށްވެސް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއްކޮށްފައިވާއިރު، މިފަހަރުގެ ޝޯވއަކީ ފަންނާނުންނަށް ލިބިގެންދާ އެކްސްޕޯޝަރގެ އިތުރުން، އާމްދަނީ ހޯދުމަށްވެސް މަގުފަހިގެވެންދިޔަ ޝޯވއެއްކަމަށެވެ. އެގޮތުން ޝޯވގައި ބައިވެރިވާ ހުރިހާ ފަންނާނުންނަށްވެސް އެން.ސީ.އޭއިން ފައިސާދޭގޮތަށް ވަނީ ނިންމާފައެވެ. މިފަހަރުގެ ޝޯވގައިވެސް ދިވެހި ލަވަތަކަށާއި އަމިއްލަ އުފެއްދުންތަކަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާނެކަމަށް ނާޢިލް ވިދާޅުވިއެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވއަކީ ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ މިއުޒިކް ޝޯވއެކެވެ. އަދި މިއީ ދިވެހި ފަންނާނުންނާއި އާއްމުންގެ ފަރާތުންވެސް ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންގޮސްފައިވާ ޝޯވއެކެވެ. މި ޝޯވ މެދުކެނޑިފައި އޮތުމަށްފަހު އަލުން ބާއްވަން ފަށާފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން މިދިޔަ އަހަރު މި ޝޯވ ބާއްވާފައެއްނުވެއެވެ. ހެރިޓޭޖް މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރު ޙާލަތު ތަން ދޭނަމަ ލައިވް ސްޓޭޖް ޝޯވއެއްގެ ގޮތުގައި ފަންނާނުންގެ މިއުޒިކީ ޢީދު ބޭއްވުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭކަމަށެވެ.

މިރޭ ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ޝޯވގެ ޕާޓްނަރުންގެ ގޮތުގައި ޕީ.އެސް.އެމްގެ އިތުރުން ބީމޮން އަދި ޓައިމް އެކެޑަމީ އޮފް ޕަރފޯމިން އާޓްސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. މި ޝޯވ ޓީވީއެމުން ގެނެސްދޭން ހަމަޖެހިފައިވާއިރު، ޝޯވ ދައްކަން ބޭނުންވާ ޓީވީ ޗެނަލްތަކަށް ޕީ.އެސް.އެމުން ފީޑު ދޫކުރާގޮތަށް ވަނީ ނިންމާފައެވެ.