ޚަބަރު

ހިޔާ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށައިފި


ހިޔާ ފްލެޓުތަކުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެޗްޑީސީން ފައްޓަވައިފިއެވެ.

އެޗްޑީސީން ވަނީ އީދު ބަންދާއި، މިނިވަން ދުވަހާއި ދިމާކޮށް ހިޔާ ފްލެޓުތަކުގައި އެއްބަސްވުމުގައި ސޮއިކުރުން ވަނީ މެދުކަނޑާލާފައެވެ.

އެޗްޑީސީގެ އަމާޒަކީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހުރިހާ ފްލެޓެއްގެ ވެރިންނާއެކު އެއްބަސްވުން އެކުލަވާލުންކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ 6720 ހައުސިންގ ޔުނިޓު ލިބުނު ފަރާތަކާއެކު އެއްބަސްވުން އެކުލަވާލާ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރަން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް މިއަހަރުގެ އަޟްޙާ ޢީދާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދުކުރުމާ ގުޅިގެން ފްލެޓުތައް ޙަވާލުކުރުމުގެ މަސައްކަތް އޮތީ ހުއްޓާލާފައެވެ. މިދެމުނާސަބާއާއި ދިމާކޮށް ލިބުނު ބަންދު ދުވަސްތަކަށްފަހު އަލުން ފްލެޓު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް އަންގާރަ ދުވަހުވަނީ ފަށާފައެވެ. ބަންދަށްފަހު އެންމެ ފުރަތަމަ އެއްބަސްވުންތައް އެކުލަވާލުމަށް އެޗްޑީސީއިން ހަމަޖައްސާފައިވަނީ އެޗް 4 ޓަވަރުގެ މީހުންނާއެކުގައެވެ.

އެޗްޑީސީއިން މިހާރު ހަމަޖައްސާފައިވާގޮތުން އެޗް 12 ޓަވަރުގެ މީހުން އަންނަ ބުރާސްފަތި ދުވަހު ހިޔާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ. އަދި އޯގަސްޓްމަހުގެ ދެވަނަ ދުވަހު އެޗް 11 ޓަވަރުގެ މީހުންނާއެކު ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ. އެކި ދުވަސްތަކަށް ބަހާލައިގެން ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު އެޗްޑީސީއިން އަންނަނީ އޯގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ކުރިން މިމަސައްކަތް އެއްކޮށް ނިންމުމަށް އަމާޒު ހިފާފައެވެ.

އެޗްޑީސީއިން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 500އަށްވުރެ ގިނަ މީހުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި ހިޔާ މަޝްރޫޢުއިން ލިބުނު ފްލެޓު ދޫކޮށްލާ ވިނަރެސް މަޝްރޫޢިން ފްލެޓް ހޯދުމަށް 200 އަށްވުރެ ގިނަ މީހުން ހައުސިންގ މިނިސްޓްރީއިން ދޫކޮށްފައިވާ ފޯމު ފުރާފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން ވިނަރެސްއިން ހައުސިންގ ޔުނިޓު ހޯދުމަށް ފޯމު ހުށައެޅޭނީ މިމަހުގެ ނިޔަލަށްކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ.

ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަމުންދަނީ ހުރަވީ ސްކޫލްގެ ހޯލްގައެވެ. އަދި އެއަށްފަހު ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އެމީހެއްގެ ފްލެޓު ބެލުމަށް އެޗްޑީސީގެ މުވައްޒަފުންނާއެކު ގޮސް އެތަނުގައި ފެނާއި ކަރަންޓާއި އެހެންވެސް އަސާސީ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދާ ފްލެޓު ހުރި ނެތްގޮތް ބެލުމަށްފަހު މައްސަލައެއް ނެތްކަމަށާއި ފްލެޓަށް ބަދަލެއް ގެންނަކަމުގައިވާނަމަ އެކަމުގެ މައުލޫމާތު އެޗްޑީސީއަށް އަންގާނެކަމުގެ އިޤުރާރުގައި ސޮއިކުރަން ޖެހެއެވެ.

ފްލެޓުގެ އެއްބަސްވުން އެކުލަވާލުމަށް ވަކި ދުވަސްތަކެއް ކަނޑައާޅާފައި ވީނަމަވެސް އެއްބަސްވުން އެކުލަވާލެވޭނީ އެކަމަށްޓަކައި އެޗްޑީސީން ދޫކުރާ ފޯމުތައް ފުރިހަމަކޮށް ލިޔެކިޔުންތައް ހަމަކުރުމުންނެވެ. މިކަންކަން ފުރިހަމަ ނުކުރާ ފަރާތްތަކާއެކު އެޓަވަރެއްގެ އެއްބަސްވުން އެކުލަވާލަން ކަނޑައެޅިފައިވާ ދުވަހުގައި ކުރިއަށް ނުދެވޭނެކަމަށް އެޗްޑީސީއިން ވިދާޅުވެއެވެ. އެހެންކަމުން އެއްބަސްވުންތަކުގައި ސޮއކުރުމަށް އައުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް އެޗްޑީސީއިން އިލްތިމާސްކުރައްވައެވެ.