ތަޢުލީމު

ކިޔެވުން ފަށަންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް އަންގައިފި


ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސްކޫލްތަކުގެ މުވައްޒަފުން ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ދިރާސީ އައު އަހަރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި، ކޯވިޑުން ދިފާޢުވުމަށް ރާއްޖޭގައި ޖަހަމުން އަންނަ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަމަކުރަން ޖެހޭ ގޮތަށް ނިންމަވާފައިވާކަމަށެވެ.

ސްކޫލްތަކުގެ ވެރިންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކޯވިޑް ވެކްސިންގެ އެއް ޑޯޒް ޖަހައި، ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިނުވާ މުވައްޒަފުން އެކަން ފުރިހަމަކުރުމުގެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކާ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ފަސޭހަ ގޮތެއް ހޯދައިދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފަސޭހަތައް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ހޯއްދަވައިދެއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރު ކޮންމެ މުވައްޒަފަކީވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހަކަށް ވާންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ވެކްސިން ޖެހެން ނެތްނަމަ، އެ ސަބަބު އަންގައިދޭ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ ލިޔުމެއް ސްކޫލަށް ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

ކިޔަވައިދިނުމުގެ ކަންކަން އާންމު ހާލަތުގައި ކުރިއަށްގެންދިއުމަށްޓަކާ ސްކޫލްތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންވެސް ވެކްސިންގެ ޑޯޒްތައް ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ބާރުއަޅުއްވައެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަންޖެހި ރާއްޖޭގެ ތަޢުލީމީ ނިޒާމަށްވެސް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. އަދި އެކެޑެމިކް ކަލަންޑަރަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ މިއަންނަ އޯގަސްޓްމަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން މިއަހަރުގެ ޑިސެމްބަރުމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން 2022 ވަނަ އަހަރުގެ ޖެނުއަރީ 16 ގައި ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިމި، 2021 އަހަރުގެ ދިރާސީ އަހަރު ނިމޭނީ 30 ޖޫން 2022 ގައެވެ.