ސިޔާސީ

ދުނިޔޭގައި ބަސް ކިޔޭ ޤައުމަކަށް ރާއްޖެ ވީ ބައިނަލްއަޤްވާމީ ގުޅުންތައް ދަމަހައްޓާތީ: ރައީސް


ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެންދިޔައީ ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށްވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބުކުރައްވާ ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި ޢިބްރަތްތެރި އެތައް ފިލާވަޅުތަކެއް ދަސްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމުގައި، ޤުރްބާންވެވަޑައިގެންނެވި މަތިވެރި ބަޠަލުންގެ ޤައުމީ ޖިހާދުގެ ހަނދާން އައުކުރުމަކީ، މި ދިވެހި ފަސްގަނޑަށް އުފަން ކޮންމެ ދިވެހި ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމަށެވެ.

ޙިކްމަތު ޢަމަލީގެ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުކަން ފާހަގަކުރައްވާ، ހަމައެފަދައިން ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، އައްސުލްޠާން އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ ރަދުންނާއި އެމަނިކުފާނުގެ ދެ އަޚުންނާއި، ދެޙާޖީންނާއި ދަންޑެހެލުގެ ޤައުމީ ޖިހާދުގެ ހަނދާންވެސް އަޅުގަނޑުމެން މިއަދު އައުކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަހީދު ޢަލީ ރަސްގެފާނާއި، ހުރާ ދޮން ބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމަކީވެސް، މި ދިވެހި ފަސްގަނޑުގެ މިނިވަންކަމަށްޓަކައި، އަގުނުކުރެވޭ ފަދަ މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންނެވި ޤައުމީ ބަޠަލުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށެވެ.

"ބޭރު ޤައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން މިދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައިވެސް، އެންމެ މަތީ ދަރަޖައިގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް، މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ އެ ޤައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ޙާޞިލްކުރެވެނީ، ދާޚިލީ ގޮތުންނާއި ޚާރިޖީ ގޮތުންވެސް، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށްވާތީ މިނިވަންކަމަކީ، އިންސާނީވަންތަކަމާ ގުޅިފައިވާ ސިފައަކަށް ވާތީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މި މުނާސަބަތުގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އެ ޙައްޤުތައް ތާއަބަދަށް ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިތިބުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި، ޤައުމީ ބަޠަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާޢުކުރަން ބޭނުންވި މިންވަރުކަމަށާއި، މިނިވަންކަމަށް ލޮޅުމެއް އަރައިފާނެ ކޮންމެ ކަމަކަށް، ޢަމަލާއި ބަހުން ރައްޔިތުން ނޫނެކޭ ބުނަމުން ދިޔުންކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަން ގެއްލި، އަޅުވެތިކަމުގެ މަޅީގައި ޖެހުނު ކޮންމެ ފަހަރަކު، އެކަމަށް މަގުފަހިކޮށްދީފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން އެއްބައިވަންތަކަން ގެއްލި، ބައިބައިވުން އުފެދުންކަމަށްވެސް ވިދާޅުވެފައިވެއެވެ.