ޚަބަރު

ކުލި ބޮޑުވިޔަސް، މާލެ ސަރަޙައްދުގެ އާބާދީ ދަނީ އިތުރުވަމުން: ދިރާސާ


ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވާ ކަންކަމުގައި މާލެއަށް ބަރޯސާވުން ކުޑަ ކުރުމަށް ސަރުކަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައެވެ. މާލެ ސަރަޙައްދުގައި ތޮއްޖެހުން އިތުރުވެ ބޯހިޔާވަހިކަމުގެ އަގުވަނީ އުފުލިފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ސޯޝަލް ހައުސިން ތަޢާރަފްކުރި ކަމުގައިވީނަމަވެސް އަގުތަކަށް އަދި މާބޮޑު ބަދަލެއް ނާދެއެވެ. އަގު އުފުލުނަމަވެސް މިސަރަޙައްދަށް އަންނަ މީހުންގެ ޢަދަދުވެސް ވާނީ އިތުރުކަމަށް ތަފާސް ހިސާބު ބަލަހައްޓާ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން ޢައިޝަތު ޝަހުދާ ވިދާޅުވީ މިހާތަނަށް އެއްކުރެވުނު ތަފާސް ހިސާބުތަކަށް ބިނާކޮށް ހެދުނު އަންދާޒާތަކުން ދައްކަނީ ބޮޑު ކުލީގައި އުޅެން ޖެހުނުނަމަވެސް މިސަރަޙައްދަށް އަންނަ މީހުންގެ ޢަދަދު ކުރިއަށް އޮތްތަނުގައި އިތުރުވެގެންދާނެކަމަށެވެ. އަދި ގެދޮރުވެރިކުރުވުމުގެ މައްސަލަ އެކަނި ޙައްލުވެގެން މިމައްސަލައަށް ދާއިމީ ޙައްލެއް ނާންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޯހިމެނުމުގައި އެއްކުރެވިފައިވާ ގިނަ މަޢުލޫމާތުތަކަށް ބަލާއިރު ސިއްޙީ ވަޞީލަތާއި ތަޢުލީމާއި ވަޒީފާގެ މައްސަލަތަކަކީ މީހުން ރަށުން ހިޖުރަކުރަންޖެހޭ ސަބަބުތައްކަމަށް ޝަހުދާ ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަ ޙައްލުކުރެވޭނީ ޕޮލިސީ ލެވެލްގައި ބޮޑެތި ނިންމުންތަކެއް އަވަސް ގޮތެއްގައި ގެނެވިގެންކަމަށް ޝަހުދާ ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގެ މައްސަލައަކީ ޙައްލުކުރަން ފަސޭހަކަމެއް ނޫން. ޚާއްސަކޮށް ރާއްޖެ ފެތުރިފައި މިއޮންނަ ގޮތުން. ވަޞީލަތްތައް ހަމަކުރުމުގައިވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ. މާލެ ސަރަޙައްދުގައި ހުރ ފެންވަރަށް ކަންކަން ފަހިވެފައި ނެތީމަ މީހުން އެއްވާން މިޖެހެނީ މިސަރަޙައްދަށް. މިހާރު ހުރި ޕްރޮޖެކްޝަންސްތަކަށް ބަލާއިރު އަދިވެސް މިސަރަޙައްދުގެ އާބާދީ އަދިވެސް އިތުރުވާނެ." ޝަހުދާ ވިދާޅުވިއެވެ.

މީގެއިތުރުން ބިދޭސީންގެ އާބާދީވެސް ރަނގަޅު ފިޔަވަޅުތަކާއެކު ނުހިފެހެއްޓޭނަމަ އިތުރުވާނެކަމަށް ޤައުމީ ތަފާސް ހިސާބާ ބެހޭ އިދާރާއިން ލަފާކުރައްވައެވެ. ކޮންމެ 10 އަހަރުން އާބާދީއާއި މީހުންގެ ދިރިއުޅުމުގެ ފެންވަރަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ބޯހިމެނުން 2022 ވަނަ އަހަރު ކުރިއަށްގެންދިޔުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އެބިއުރޯއިން އަންނަނީ ވަމުންނެވެ.

އެގޮތުން ދިރިއުޅުމުގެ ޙާލަތަށް ކޯވިޑްއާއި ގުޅިގެން ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާއި ހައުސިންގެ ބޮޑެތި މަޝްރޫޢުތަކާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ގެދޮރުވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް އެންބީއެސްއިން ވިދާޅުވެއެވެ. އެހެންކަމުން އެކަމަށް ޚާއްސަ އިސްކަމެއް ދީގެން މިފަހަރު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާތީ އެކަމުގެ މަޝްވަރާތައް މިހާރު ކަމާބެހޭ އިދާރާތަކާއެކު ކުރިއަށްދާކަމަށްވެސް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.