ދީން

އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭ ދަރިންނަށް ބޭނުންވޭ: ޢީދު ޚުޠުބާ


މިއަދު ފެންނަމުންދަނީ އިސްލާމް ދީނަށް ފާޅުގައި އިހާނެތިކޮށް ހިތާތަން ކަމަށާއި، އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ބޭނުންވެފައިވާކަމަށް ޢީދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. 1442 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދަށްފަހު ރާއްޖޭގެ މިސްކިތްތަކުގައި ދިން ޢީދު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އަޟްޙާ ޢީދުގެ އިޙްތިފާލު" މި މަޢުޟޫއަށެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ޢީދު ޚުޠުބާގައި މިއަދަކީ ޤުރުބާނީގެ ދުވަހެއްކަމަށާއި، މާތްﷲ އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވި އިބްރާހީމުގެފާނާއި، ލޮބުވެތި ދަރިކަލުން އިސްމާޢީލުގެފާނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިޚާނުން މުޅި އިސްލާމީ ޢުއްމަތް ޢިބުރަތް ޙާޞިލުކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އިބްރާހީމުގެފާނުގެ ދަރިކަލުންގެ ވާހަކައިން އިތުރު ފިލާވަޅުތައް ދަސްކުރަން ޖެހިފައިވާކަމަށާއި، މިއަދު ފެންނަމުންދަނީ އިސްލާމްދީނަށް ފާޅުގައި އިހާނެތިކޮށް ހިތަމުން އަންނަ ތަންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އެގޮތުން ކީރިތި ޤުރްއާނަށް އިހާނެތިކޮށް ހިތާ، ނަބިއްޔާއަށް ފުރައްސާރަކުރުމާއި މުސްލިމުންގެ މުޤައްދަސް ތަންތަނަށް އަރައި، އެތަންތަން ފޭރިގަންނަ މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާކަމަށް ޙުޠުބާގައި ވިދާޅުވެފައިވެއެވެ. އަދި އިސްލާމްދީން އެ ދީނުގެ ވަޠަނުގައި ބީރައްޓެހިކޮށްފައިވާކަމަށާއި، މުސްލިމުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

"އިސްލާމްދީން މި ވަނީ އެ ދީނުގެ ވަޠަނުގައި ބީރަށްޓެހިކޮށްފައި. ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއް އޮވެގެން ނުވާނެކަމަށް ދަނީ އަޑު އުފުލަމުން. މުސްލިމުންގެ ޙައްޤުތަކަށް ދަނީ އަރައިގަންނަމުން. މިއަދު މިވަނީ އެމީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމްދީނަށްޓަކާ ޤުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައި. އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ވަނީ ބޭނުންވެފައި" ޚުޠުބާގައި ވިދާޅުވިއެވެ.

ޢީދު ޚުޠުބާގައި އަޅުގަނޑުމެންގެ ޢީދަކީ މިނިވަންކަމުގެ ޢީދެއްކަމަށާއި، މި ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަންކޮށްދޭ ޢީދަކަށްކަމަށް ވިދާޅުވެފައިވެއެވެ. އަދި ޙަސަދަވެރިކަމުންނާއި، ރުޅިވެރިކަމުން ހިތްތައް ޠާހިރުކޮށް، ދެބައޮޑުވުމާއި، ނެތިމޮށުމާއި، އާޑަފުރައްސާރަކުރުމުން ދޫތައް ރައްކާތެރިކުރުމަށް ވަނީ ނަސޭޙަތްތެރިވެފައެވެ.

ޢީދުގެ ދުވަސްތަކަކީ އުފާ ކުރަންވީ ދުވަސްތަކެއްކަން ފާހަގަކުރައްވާ، މި ދުވަސްތަކުގައި މާތްﷲގެ އަމުރުފުޅާ އެއްގޮތަށް އުފާ ކުރުމަށާއި، މުންކަރާތަށް އަރައިނުގަނެ، މާތްﷲ ހުއްދަކުރައްވާފައިވާ އިންތަކުގެ ތެރޭގައި ތިބެ އުފާ ފާޅުކުރުމަކީ މަނާކަމެއް ނޫންކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ޢީދަކީ އަބާއްޖަވެރިކަމެއް ނެތް ބާއްޖަވެރިކަމެއް. އަރާރުމެއްނެތް އެއްބައިވަންތަކަމެއް. ރުޅިވެރިކަމެއްނެތް އެކުވެރިކަމެއް. ލޯތްބާއި، އަޅައިލުން އޮތް އުފާވެރި ދުވަސްތަކެއް. މި ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުވާ. އެއްބަޔަކު އެނެއް ބަޔަކަށް މާފުކުރޭ. ސަލާމްކޮށް ހިތްތައް ސާފުކުރޭ. ހެޔޮކަންތައް ކުރުމުގައި އެއްބާރުލާ. ނުބައި ކަންތައްތަކާ ދުރުހެލިވޭ" ޢީދު ޚުޠުބާގައި ވިދާޅުވިއެވެ.

ޢީދު ފާހަގަކުރަންޖެހޭނީ މާތްﷲ މަނާކުރައްވާފައިވާ ކަންތައްތަކާ ދުރުހެލިވެތިބެކަމަށާއި، އެހެން މީހުންނަށް ގޯނާ ނުކޮށްކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ޢީދު ފާހަގަކުރާއިރު، އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަތުމަށާއި، އިސްރާފުކުރުމާއި ހެއްލުންތެރިވުމުން ދުރުހެލިވެ، އަބުރާއި، ޢިއްޒަތް ރައްކާތެކުރުމަށް ގޮވާލާފައިވެއެވެ.

ޢީދު ދުވަހު އައު ހެދުން ލައި ޒީނަތްތެރިވުން ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ހިތްތަކެކޭ އެއްފަދައިން، ޢަމަލުތައްވެސް އިސްލާމީ އަޚުލާޤުން ޒީނަތްތެރިކުރަންޖެހޭކަން ކަމަށްވެސް ޙުޠުބާގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ހުވަނދުލައި މީރުވަސް ދުއްވާގޮތަށް، އިސްލާމީ އަޚްލާޤުގެ ހުވަނދުން އަޅުގަނޑުމެންގެ މުޖުތަމަޢު އެއްވަސްކުރަންޖެހޭކަމަށްވެސް ވިދާޅުވެފައިވެއެވެ.