ޚަބަރު

ކޯވިޑް ކޭސްތައް މަދުވެ މޮނިޓަރިންގައި މިހާރު އޮތީ 14 ރަށެއް


ރާއްޖޭގައި ކޯވިޑްގެ ޙާލަތު ރަނގަޅުވަމުން އަންނައިރު މާލެއެކޭ އެއްފަދައިން އަތޮޅުތަކުންވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ މަދުވަމުންނެވެ. އެގޮތުން ކޯވިޑާ ގުޅިގެން މޮނިޓަރިންއަށް ލީ ރަށްތަކުގެ ތެރެއިން މިވަގުތު މޮނީޓަރިންގައި އޮތީ 15 ރަށެކެވެ.

ކޯވިޑް-19 ރާއްޖޭގައި ފެތުރެން މިދިޔަ އަހަރު ފެށިއިރު އެންމެ ފުރަތަމަ އަތޮޅުތެރެއިން މޮނިޓަރިންގެ ޙާލަތަކަށް ގެންގޮސްފައިވަނީ ބައްޔަށް ޕޮޒިޓިވްވީ މީހަކާއި ބައްދަލުވެފައިވާ މީހަކު ދަތުރުކުރުމާއި ގުޅިގެން ކ.ކާށިދޫއެވެ. އޭގެފަހުން މާލެއިން ޕޮޒިޓިވްވި ކޭސްއަކާއި ގުޅިގެން އައްޑު އަތޮޅު ހިތަދޫ، ތ.މަޑިފުށި، ހއ.ވަށަފަރުގެ ބައެއް ގެތައްވަނީ މޮނީޓަރިންއަށް ލާފައެވެ.

ކޯވިޑް ރާއްޖޭގައި ފެތުރެމުން އައިނަމަވެސް ބަލީގެ ނުރައްކާ މުޖުތަމަޢަށް ފެތުރިފައި އޮތީ އޭރު ހަމައެކަނި މާލެ ސިޓީގައެވެ. އަތޮޅުތަކުން ޕޮޒިޓިވްވަމުންދިޔައީ ޢާއްމުގޮތެއްގައި ހޯމް ކަރަންޓީނަށް ދިޔަ މީހުން ކަރަންޓީންގެ މުއްދަތުގެ ތެރޭގައެވެ. އެހެންނަމަވެސް މިގޮތަށް ދިޔަ ބައެއް މީހުން އެޗްޕީއޭގެ އުސޫލާ ޚިލާފަށް މީހުންގެތެރެއަށް ނުކުތުމާއި ނެގެޓިވް ނަތީޖާ ލިބުމުން ރަށުތެރެއަށް ނުކުތް ބައެއް މީހުންގެ ނަތީޖާ ފަހުން ޕޮޒިޓިވްވެގެންވެސް ބައެއް ރަށްރަށް އެއްކޮށްވަނީ މޮނިޓަރިންގއަށްލާފައެވެ.

ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވަނީ މިއަހަރު ފެށުނުފަހުންނެވެ. އެގޮތުން މިއަހަރުގެ އެޕްރީލް މަހު ގާތްގަނޑަކަށް 13 ރަށެއް މޮނިޓަރިންގއަށްވަނީ ލާފައެވެ. މީގެ ތެރޭގައި ސިނާޢީ މަސައްކަތްކުރަމުން އަންނަ ބައެއް ރަށްރަށާއި މީހުން ދިރިއުޅޭ ރަށްތައްވެސް ހިމެނެއެވެ. އޭގެ ފަހުން މުޖުތަމަޢުގެ ތެރެއިން ޕޮޒިޓިވްވަމުން އަންނަ ކޭސްތަކާއި ކްލަސްޓަރތައް އިތުރުވެ ގިނަ ރަށްތަކެއްވަނީ މޮނިޓަރިންއަށް ލާންފަށާފައެވެ.


މޭއި މަހުގެ ދެވަނަ ހަފްތާއިން ފެށިގެން މޮނިޓަރިންގައި ހުރި ރަށްތަކުގެ ޢަދަދުވަނީ 40 އިން މައްޗަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މޮނިޓަރިންއަށް އެންމެ ގިނަ ރަށްތައް ލާފައިވަނީވެސް މޭއިމަހުގެ ތެރޭގައެވެ. އެގޮތުން މޭއިމަހުގެ 31 ވަނަ ދުވަހުވަނީ 74 ރަށެއް މޮނީޓަރިންއަށް ލާފައެވެ. މިޢަދަދުތައް ދަށަށް ދާންފެށީ ޖޫންމަހުގެ ތެރޭގައެވެ. އެގޮތުން ޖޫން މަހުގެ 27 ވަނަ ދުވަހު އަނެއްކާވެސް 44 ރަށެއް މޮނިޓަރިންގައި އޮތްއިރު ޖުލައިމަހުގެ 8 ވަނަ ދުވަހާއިހަމައަށް އައިއިރު މޮނިޓަރިންގައި އޮތީ 27 ރަށެކެވެ. އަދި މިދިޔަ އޭޕްރީލް މަހަށްފަހު މޮނިޓަރިންގައި އަނެއްކާވެސް މިހާރު އޮތީ 14 ރަށެކެވެ. އެންމެފަހުން އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 28 މީހެކެވެ.

އެންމެ ފަހުން އައްޑޫސީޓީގެ ގުޅިފައިވާ ރަށްތައް މޮނީޓަރިންގއިން ނަގާފައިވާއިރު މިހާރު މޮނީޓަރިންގައި އޮތީ ހއ. ދިއްދޫއާއި ގދ.ތިނަދޫއާއި ގދ،ނަޑެއްލާއާއި ގއ.ވިލިނގިލި، ކޫއްޑޫ،، އއ. ތޮއްޑޫއާއި ރަސްދޫއާއި ރ.ދުވާފަރާއި، މީދޫއާއި ކ.ގުރައިދޫއާއި ކާށިދޫއާއި ށ.ފޯކައިދޫއާއި ފ.ފީއަލީގެ އިތުރުން ފުވައްމުލައް ސިޓީއެވެ.

އަތޮޅުތެރެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވެފައިވާތީ ގިނަބައެއްގެ އެދުމުގެ މަތިން ބަންދުތެރޭގައި ވަނީ ރަށްރަށަށް ދެވޭނެ ގޮތަށް ލުއިދީފައެވެ. އެހެންކަމުން ގިނަ ބަޔަކު ދަތުރުކުރަމުން ދާ މިދުވަސްވަރު ކޯވިޑްގެ ސަބަބުން އިތުރު ކްލަސްޓަރތައް އުފެދުމުގެ ފުރުސަތު ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.