ވިޔަފާރި

ސޯޝަލް މީޑިއާގައި މަޤްބޫލް މީހުން މެދުވެރިކޮށް ބްރެޒިލްގައި ރާއްޖެ އިޝްތިހާރުކުރަނީ


ބްރެޒިލް މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް މަޤްބޫލް ފަތުުރުވެރި މަންޒިލެއްގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން "އިންފުލުއެޒަރ ފެމް ޓްރިޕް" ސިލްސިލާއެއް ފަށައިފިއެވެ.

ބްރެޒިލްގެ ބައެއް މަޤްބޫލް ސޯޝަލް މީޑިއާ މަޤްބޫލް ފަރާތްތަކާއެކު މި ފެމް ޓްރިޕް ސީރީޒްގެ ފުރަތަމަ ދެ ބައިވެރިވިން މިމަހުގެ 10 ވަނަ ދުވަހު ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި އަނެއް 2 ބައިވެރިން މި ޖުލައިމަހުގެތެރޭ ރާއްޖެއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިއީ ބްރެޒިލް މާކެޓަށް އަމާޒްކޮށްގެން އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތްތެވެ. މި ފެމް ސިލްސިލާގައި ރާއްޖެއަށް އަންނަ ފަރާތްތައް ތިބުމަށް ހަމަޖެހިފައިވަނީ ހުވަފެން ފުށި ރިސޯޓް، ވެލައްސަރު ރިސޯޓް، ތާޖް ހޮޓެލްސް، ކަނޑިންމަ މޯލްޑިވްސް، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި މޫވެންޕިކް ކުރެދިވަރުގައެވެ.

މި ރިސޯޓުތަކަށް ޒިޔާރަތްކޮށް ވޯޓަރ ސްޕޯޓްސް، ސްނޯކްލިންގް ފަދަ ހަރަކާތްތަކާއި، ސްޕާގެ ޙިދުމަތްތަކާއި ހާއްސަ ކެއުންތަކާއި، އެ ރިސޯޓަކަށް ހާއްސަ ހަރަކާތްތަކާއި ކަންތައްތައް ތަޖުރިބާކުރުމުގެ ފުރުސަތު ފޭމް ޓްރިޕްގެ ބައިވެރިންނަށް ލިބޭނެއެވެ. އަދި މި ތަޖުރިބާތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކޮށް ރާއްޖެ އެ މާކެޓްގެ ވީހާވެސް ގިނަ ބަޔަކަށް އިޝްތިހާރުކުރާނެއެވެ.

މި ފެމް ޓްރިޕް ސިލްސިލާއިން ސީޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޖުމްލަ 3 މިލިއަނަށްވުރެ ގިނަ މީހުންގެ މެދުގައި މެދުގައި ރާއްޖެ އިޝްތިހާރުކުރެވިގެންދާނެއެވެ. މިއީ އެމްއެމްޕީއާރުސީން ބްރެޒިލް މާކެޓްގައި ރާއްޖޭގެ އެކި ސެގްމެންޓްތައް އިޝްތިހާރުކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

މީގެ އިތުރުން ބްރެޒިލް މާކެޓަށް އަމާޒުކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޮންލައިން މާކެޓިން ޕްރޮމޯޝަންތަކާއި، ވަރޗުއަލް ފެއަރ އަދި ރޯޑްޝޯ ފަދަ ކެމްޕެއިންތައް ހިމެނެއެވެ.

ކޯވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބްރެޒިލްގެ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ ބްރެޒިލްއިން ރާއްޖެއަށް 5494 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.