ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި މިހާރު ތަޢުލީމް ފޯރުކޮށްދެމުން އަންނަ ބާރަށު ސްކޫލަކީ 27 ޖުލައި 1995 ވަނަ އަހަރު އިމާރާތް ކުރެވިފައިވާ ސްކޫލެކެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެމުން އަންނަ މި ސްކޫލުގައި މިހާރު ޖުމްލަ 292 ދަރިވަރުން ތަޢުލީމް ހާޞިލް ކުރަމުންދެއެވެ. 1995 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އެސްކޫލުގައި ދަރިވަރުންނަށް އުގަންނައި ދިނުމަށް ބޭނުން ކުރަމުން އައީ ޖުމްލަ 8 ކުލާސްރޫމެވެ.
ސަރުކާރުން 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސިޔާސަތުގެ ދަށުން އެ އަހަރު ބާރަށު ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ 12 ކުލާސް ރޫމެއްގެ ބިންގާ ވަނީ އަޅާފައެވެ. ނަމަވެސް އެކި ސަބަބުތަކާއި ހުރެ އެ އިމާރާތުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށްގޮސްފައި ނުވާތީ، ސަރުކާރުން އެ އިމާރާތުގެ މަސައްކަތް މި އަހަރުގެ މާޗުމަހުގެ ތެރޭގައި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިވަނީ ހަވާލުކޮށްފައެވެ.
ބާރަށު ސްކޫލުގެ ޕްރިންސިޕަލް އަމްޖަދު ހުސެއިން ވިދާޅުވީ ބާރަށު ސްކޫލުގައި މިހާރު އިމާރަތް ކުރަމުންދާ 12 ކުލާސްރޫމް އިމާރާތް މިއަހަރުގެ ދިރާސީ އާއަހަރު ފެށެން ވާއިރަށް ނިމި އިމާރާތް ބޭނުން ކުރެވޭނެ ގޮތްވުމަކީ ސްކޫލާއި ދަރިވަރުންނާއި ބެލެނިވެރިންގެ ވަރަށްބޮޑު އުއްމީދެއްކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ޖެހުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހުނު ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.
ޚާއްސަކޮށް ސްކޫލުގައި އިތުރު ހަރަކާތްތައް ހިންގުމަށާއި އިތުރު ގަޑިތައް ނަގާދިނުމަށް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށް ނަތީޖާ ނެރެދިނުމަށް ކުރާ މަސައްކަތްތަކަށްވެސް އުނދަގޫތަކާ ކުރިމަތި ވަމުން އަންނަ ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ބެލެނިވެރިންގެވެސް ވަރަށްބޮޑު ކަންބޮޑުވުމެއްކަން އަމްޖަދު ވަނީ ފާހަގަ ކުރައްވާފައެވެ.
އެސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ވިދާޅުވީ އަލަށް އިމާރާތް ކުރަމުންދާ 12 ކުލާސްރޫމް ނިންމުމަށް މިނިސްޓްރީއާއި ގުޅިގެން ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުދާކަމަށެވެ. އަދި މިނިސްޓްރީން އެސްކޫލްގެ މަސައްކަތް ހިނގަމުން ދާގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދާކަމަށެވެ. އެއިމާރާތުގައި މިހާރު ކުރިޔަށް ދަނީ މުށިޖެހުމާއި ކަރަންޓް ވައިރިންގެ މަސައްކަތާއި ފެންވައިރިންގެ މަސައްކަތެވެ.
މިހާރު ބާރަށު ސްކޫލުގައި ހަދާ 12 ކުލާސްރޫމްގެ އިމާރާތް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި އެރަށުގެ ބެލެނިވެރިން ތިބޭތާ މިހާރު މިވަނީ 9 އަހަރު ފާއިތުވެގެން ގޮސްފައެވެ. އެރަށު ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނާއި ޓީޗަރުންގެ އެންމެ ބޮޑު އުއްމީދަކީ 12 ކްލާސްރޫމުގެ އާއިމާރާތް ނިމި މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން އެއްދަން ފަޅިއަކަށް ބަދަލުވެގެން ދިޔުމެވެ.