ތިމާވެށި

ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އިތުރު މާލީ އެހީ ބޭނުންވޭ: ރައީސް ނަޝީދު


ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފަރާތުން މާލީ އެހީ މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް) ގެ ފުރަތަމަ "ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު"ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ބަންގަލްދޭޝް ސަރުކާރުން ހޯސްޓްކޮށްގެން ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މި ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތީ، އިނގިރޭސިވިލާތުގައި ހުންނަވައިގެންނެވެ. ރައީސް ނަޝީދަކީ ކްލައިމެޓް ވަލްނަބަލް ފޯރަމްގެ ވުޖޫދަށް ގެނައުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ފައުންޑިންގ ޗެއަރއެވެ. ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންކަންވެސް ކުރައްވާ ރައީސް ނަޝީދު މި ސަމިޓުގައި ބައިވެރިވެވަޑައިގެންފައިވަނީ ސަމިޓުގެ މޮޑަރޭޓަރގެ ހައިސިއްޔަތުންނެވެ.

ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިޤްތިސާދުތަކުގެ މެދުގައި ބޭއްވި މިފަދަ ފުރަތަމަ ސަމިޓެވެ. މި ސަމިޓް އިފްތިތާޙްކޮށްދެއްވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއަރ ޝެއިޚް ޙަސީނާއެވެ.

މި ސަމިޓުގެ އެންމެ މަތީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމުގައި ވަލްނަރަަބަލް 20 ގްރޫޕް (ވީ20) ގެ 48 މެމްބަރު ޤައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެޤައުމުތަކުގެ ފައިނޭންސް މިނިސްޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖީ7 އާއި ޖީ20 ޤައުމުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ މާލީ އަދި ތަރައްޤީގެ ޖަމްޢިއްޔާ/ޖަމާޢަތްތައްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ސަމިޓުގައި ބައިވެރިވި ފަރާތްތަކާ މުޚާތަބުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކަކީ އަބަދުވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި ވާހަކަދެކެވޭ، މަޝްވަރާކުރެވޭ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިކަމާދެކޮޅަށް ކުރަން ހުރި މަސައްކަތްތަކާ އަޅަންޖެހޭ ފިޔަވަޅުތައް އެތައް ގުނައެއް އިތުރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ޢަމަލުން މިކަންކަން ދައްކަންވީ ވަގުތުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"މިއީ ޤައުމުތަކުން ގުޅިގެން މިދެކެވޭ ވާހަކަތަކަށް ޢަމަލީ ސިފައެއް ގެންނަންވީ ވަގުތު. މިކަންކަމުން އަރައިގަތުމުގައި އެންމެ މުހިއްމު ދައުރެއް މި އަދާކުރަނީ މާލީ އެހީތެރިކަން، އެ އެހީތެރިކަން ބައިނަލްއަޤްވާމީ ދުނިޔެއިން ފޯރުކޮށްދޭން އެބަޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަމިޓް ހުޅުވުމަށް ބޭއްވި ލީޑަރސް އިވެންޓުގައި ރައީސް ނަޝީދާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ އިތުރުން، އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޮނިޔޯ ގުތޭޚެޝާއި، ޖަމިއްޔާގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަދި ދަ ގްލޯބަލް ކޮމިޝަން އޮން އެޑެޕްޓޭޝަން، ޖީ.ސީ.އޭގެ ބޯޑު ޗެއަރ ބަންކީ މޫނާއި، ވޯލްޑް ބޭންކް ގްރޫޕުގެ ރައީސް ޑޭވިޑް މަލްޕާސް އަދި އެމެރިކާގެ ސްޕެޝަލް ޕްރެޒިޑެންޝަލް އެންވޯއީ ފޯރ ކްލައިމެޓް ޖޯން ކެރީ ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަފާއެވެ.

ސަމިޓުގެ ބައިވެރިން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތައްކަމުން، އެ ޤައުމުތަކުގެ ދެމިއޮތުން އޮތީ ބައިނަލްއަޤްވާމީ ދުނިޔެއިން މިކަމާއި ދެކޮޅަށް އަޅަމުންދާ ހަރުދާނާ ފިޔަވަޅުތަކެއްގެ މައްޗަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓުގެ އެންމެ ބޮޑު ބޭނުމަކީ ކޮޕް26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ޚިޔާލުތަކުގެ މައްޗަށް މަޝްވަރާ ބަދަލުކޮށް، އެއްގަލަކަށް އަރައި، އެއްބަސްވެވޭނެ ގޮތްތަކެއް ކަނޑައެޅުމެވެ.