ޚަބަރު

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިތުރުކޮށްފި


ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 17ވަނަ ފަހަރަށް ދަމަހައްޓައިފިއެވެ. އެގޮތުން އަންނަ މަހުގެ 2ވަނަ ދުވަހާ ހަމައަށް ރާއްޖެ އޮންނާނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައިކަމަށްވަނީ ކަނޑައަޅާފައެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ވަނީ އަދިވެސް ކޯވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި ޤައުމުތަކުގެ ޙާލަތު އަދިވެސް ނުރައްކާ ފައްތަރެއްގައި އޮތްއިރު މިޙާލަތުގައި ރާއްޖޭގެ ރައްކާތެރިކަމަށްޓަކާ މިހާރު ޤާއުމުކޮށްފައިވާ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ އޯގަސްޓްމަހުގެ 2ވަނަ ދުވަހާ ހަމައަށް ދަމަހައްޓަން ނިންމާކަމަށެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް ދެމެހެއްޓުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ ރާއްޖެއިން ކޯވިޑްގެ ފުރަތަމަ ކޭސްއެއް ފެނުމާއި ގުޅިގެން މިދިޔަ އަހަރުގެ މާޗްމަހުގެ 12ވަނަ ދުވަހުގައެވެ. އޭގެފަހުން 17 ފަހަރެއްގެ މަތިން މިމުއްދަތު މިހާރުވަނީ އިތުރުކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ރާއްޖޭގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމަށްޓަކާ އަޅަންޖެހޭ ހުރިހާ ފިޔަވަޅޭއް އެޅުމަށް ޤާނޫނީ ގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލާޒިމުކުރެއެވެ.

ރާއްޖޭގައި މިޙާލަތު އަދިވެސް އިތުރުކުރަމުންދާއިރު މިއަހަރު ފެށުނުއިރު އިތުރުވަމުން އައި ކޯވިޑްގެ ކެސްތައް މިހާރުވަނީ ބޮޑުތަނުން ދަށްކުރެވިފައެވެ. އެގޮތުން މިހާރު އެވްރެޖްކޮށް ޕޮޒިޓިވްވާ ޢަދަދުވަނީ 150އިން ދަށްވެފައެވެ. މިހާރު ޕޮޒިޓިވްވާ މީހުންނަށް ބަލާއިރު މާލެ ސަރަޙައްދަށްވުރެ ގިނަ މީހުން ޕޮޒިޓިވްވަމުން އަންނަނީ އަތޮޅު ތެރޭގެ ރަށްރަށުންނެވެ. ކޯވިޑްގެ ކޭސްތައް އިތުރުވާނ ފެށުމުގެ ސަބަބުން ރައްކާތެރިކަމަށްޓަކާ ފިޔަވަޅުތައް ހަރުކަށިކޮށްގެން އެއްހާހުން މަތީގައި ހުރި ކޭސްތައް މަދުކުރެވިފައިވާއިރު މިހާރުވަނީ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ.

އެހެންނަމަވެސް އަދިވެސް އަމިއްލަ ރައްކާތެރިކަމާއި ތިމާގެ ވަށައިގެންވާ މީހުންގެ ރައްކާތެރިކަމަށްޓަކާ އާއްމު ސާފުތާހިރުކަމަށާއި މާސްކު އެޅުމަށް އިސްކަންދީ ބޭރުތެރޭ އުޅުމުގައި ގައިދުރުކަން އިސްކުރުމަކީ މުހިއްމު ކަމެކެވެ.