ރިޕޯޓް

ނިއުރޯޑައިގްނޮސްޓިކްގެ ޚިދުމަތާއެކު ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ލުޔެއް


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތައާރަފްކުރެވުނު ނިއުރޯޑައިގްނޮސްޓިކްގެ ހިދުމަތާއެކު ނާރުގެ ކުދި އޮޕަރޭޝަންތައް އެހޮސްޕިޓަލްގައި ކުރެވޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޕީއެސް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރު ފައިސަލް ވިދާޅުވީ ނާރުގެ ޓެސްޓްތައް އެހޮސްޕިޓަލްގައި ހަދަން ފެށުމަކީ ބަލި ދެނެގަތުމަށާއި ބަލިމީހާއަށް ފަރުވާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑު އާބާދީއަކަށް ހިދުމަތްދޭ ހޮސްޕިޓަލަކަށްވާއިރު ހުން އަންނަ ކުޑަކުދިންގެ ތެރެއިން 4 އިންސައްތަޔާއި 8 އިންސައްތައާ ދެމެދުގެ ކުދިންނަކީ ހުންއައިސްގެން ޕިޓްޖެހުމުގެ ފުރުޞަތު އޮންނަކުދިންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މިފަދަ ކުދިންނަކީ ޓެސްޓް ހަދަންޖެހޭ ކުދިންނަށްވާއިރު މީގެކުރިން ޓެސްޓް ހަދަންޖެހެނީ މާލެ ފޮނުވައިގެންކަމަށާއި އަދި އައްސިވުމާއި ނާރުގެ އެކި ބަލިތަކުގެ ބަލި މީހުން ޓެސްޓް ހަދަން ވަރަށް ގިނައިން މާލެ ފޮނުވަންޖެހޭކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގައި އަލަށް ފެށުނު ހިދުމަތާއިއެކު މިކަން ހައްލުވެގެންދާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފެށި ޙިދުމަތްތަކުގެ ތެރޭގައި ޑިޖިޓަލް އިލެކްޓްރޯ އެންސެފާލޯގްރާފީ (އީއީޖީ) ޓެސްޓު ހެދުމާއި، ނާވް ކޮންޑަކްޝަން ސްޓަޑީޒް، ރިފްލެކްސް ސްޓަޑީޒް، ރިޕެޓިޓިވް ނާވް ސްޓިމިއުލޭޝަން (އާރްއެންއެސް) އަދި ސިމްޕަތެޓިކް ސްކިން ރެސްޕޮންސް ހިމެނޭ ކަމަށް އެ އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. ޑރ ފައިސަލް ވިދާޅުވީ މިޓެސްޓްތަކުގެ ސަބަބުން ނާރަށް މައްސަލަ ދިމާވެފައިވަނީ ކިހިނެއް، ކޮން ހިސާބަކުންކަމަށް ދެނެގަނެވޭނެކަމަށެވެ.

ޑރ ފައިސަލް ވިދާޅުވީ ހޮސްޕިޓަލުގައި އަލަށް ފެށުނު ހިދުމަތްތަކާއެކު ނާރުގެ ބަލިތަކުގެ ބަލިމީހުން މާލެއަށް ފޮނުވަންޖެހޭ މިންވަރު ވަރަށްބޮޑަށް މަދުވެގެންދާނެކަމަށެވެ.

"ނިއުރޯޑައިގްނޮސްޓިކްގެ ސަބަބުން ބަލިދެނެގަތުމަށް އަޅުގަނޑުމެންނަށް ފަސޭހަވެންދާނެ. އަދި މިހިދުމަތާއެކު ނާރުގެ ކުދި އޮޕަރޭޝަންތައް މިހޮސްޕިޓަލްގަ ކުރެވޭނެ" ކޭއާރުއެޗްގެ ކުޑަކުދިންގެ ހާއްޞަ ޑޮކްޓަރ ޑރ ފައިސަލް

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނާރުގެ ބަލިތަކަށް ތަހުލީލު ކުރެވެން ފެށުމަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށާއި އެހޮސްޕިޓަލުން ހިދުމަތް ހޯދާފަރާތްތަކަށް ލިބިގެންދިޔަ ތަސައްލީއެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިން މިފަދަ ޓެސްޓްތައް ހަދަން ރަށުން ބޭރަށް ދާން ކުރަންޖެހުނު ހަރަދުތަކަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސްޓޮރޯކްޖެހިގެން ފަރުވާހޯދާ މީހުން ގިނަ މިހާރު ކުރިއަށްވުރެ، މިހިދުމަތް ލިބެންފެށުމުން އެޓެސްޓްތައް ހަދަން ރައްޔިތުން ކުރަމުން އައި ހަރަދުތަކަށް ލުއެއް ލިބި ހިތައް ތަސައްލީއެއް ލިބިގެން ގޮއްސި" ކުޅުދުއްފުށީ ސިޓީ މޭޔަރ މުހައްމަދު އާތިފް ވިދާޅުވިއެވެ.

މިފަދަ ހިދުމަތެއް ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލުން ލިބުމަކީ ރައްޔިތުން އިންތިހާއަށް އެކަމާއި އުފާކުރާކަމެކެވެ. އަދި މިއީ ރައްޔިތުން ވަރަށްބޮޑަށް އެދި އެދި ތިބި ހިދުމަތެއްކަމަށާއި ދާއިމީގޮތެއްގައި މިހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލިބެންހުރުމަކީ ރައްޔިތުން ވަރަށްބޮޑަށް ބޭނުންކާކަމެއްކަން އެރަށުގެ ރައްޔިތުންވެސް ފާހަގަކުރިއެވެ.

"އަޅުގަނޑު މިހާރުވެސް މިހުރީ ޓެސްޓް ހަދަންވެފަ. ވަރަށް އުފާވެއްޖެ ރަށުގައި ހުރެގެން ޓެސްޓް ހެދޭނެގޮތްވުމުން. ބޭނުމަކީ ދާއިމީގޮތެއްގަ މިހިދުމަތް ލިބެންހުރުން" ކުޅުއްދުއްފުށީ މީހަކު ބުންޏެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލުން ބުނީ ނާރުގެ ހާއްޞަ ޑޮކްޓަރަކާއި ނާރުގެ އޮޕަރޭޝަނަށް ހާއްޞަ ޑޮކްޓަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް އެހޮސްޕިޓަލުން ކުރަމުންދާކަމަށެވެ. އަދި އެކަމަށް ބައެއް ޑޮކްޓަރުންނާއި އިންޓަވިއުވެސް ކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ސަރަޙައްދުތަކުންވެސް ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު އަންނަ ހޮސްޕިޓަލެކެެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.