ޚަބަރު

އިތުރު 32 ރަށެއްގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންނަނީ


އިތުރު ބައްތިރީސް ރަށެއްގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށްޓަކައި ތިލަފުއްޓަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެރަށްރަށުން ކުނި އެއްކޮށް ނެގުމަށްޓަކައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަކަމަށް ޝައުނާ ވިދާޅުވިއެވެ.

ކުނީގެ މައްސަލައަކީ ޒަމާނުއްސުރެ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ. އަދި ރަށުގައި ބޮޑެތި ކުނި ފުނިތައް ހުރުމުގެ ސަބަބުން ސިއްޙީ ގޮތުންވެސް އެތައް ދަތިތަކެއް އަންނަނީ ކުރަމުންނެވެ. މިމައްސަލަ ޙައްލުކުރުމަށްޓަކައި "ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮގްރާމް"ގެ ދަށުން ޒޯން 3ގެ 32 ރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އެއްބަސްވުން މިހާރުވަނީ އެކުލަވާލާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު އާމިނަތު ޝައުނާއެވެ. ރަށްރަށުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެރަށެއްގެ ކައުންސިލްގެ ފަރާތުންނެވެ.

މިއެއްބަސްވުމުގައި ސޮއިކުރައްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު އާމިނަތު ޝައުނާ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 32 ރަށެއްގައި އުފެދޭ ކުނި ކޮންމެ ހަފްތާއަކު އެއްފަހަރު ކޮންޓޭނަރ ތަކުގައި ތިލަފުށްޓަށް އުފުލުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިރަށްރަށަށް ބޭނުންވާ ކުނި މެނޭޖްކުރުމުގެ މަރުކަޒުތަކަށް ބަދަލުގެނެސް އަޕްގްރޭޑުކުރަން ހަމަޖެހިފައިވަނީ އެރަށަކަށް ބޭނުންވާ ކަންކަމަށް ބެލުމަށްފަހުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ކުނި ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރާނީ ޚާއްސަ ތާވަލެއްގެ ދަށުން ހަފްތާއަކު އެއްފަހަރު. މިކަމަށް ބޭނުންވާ 3 އުޅަނދު ބަނުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ކުނި އުފުލަން ހަމަޖެހިފައިވަނީ ކޮންޓެއިނާ ތަކުގައިކަމަށްވުމުން ވިއްސާރަވެ ވައިގަދަ ވެގެން ކުނި މޫދަށް އެޅުމުގެ މައްސަލަ ކުރިމަތި ނުވާނެ." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވީ މިމަޝްރޫޢުގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށްގެންދިޔަ ސަރވޭކުރުމުގެ މަސައްކަތާއި ރަށްރަށަށް ބޭނުންވާ ކަންކަން ދެނެގަތުމުގައި ކައުންސިލްތަކުގެ ބައިވެރިވުން ހިމަނާފައިވާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމަށެވެ. އަދި އެއީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވުމުގެ ރަނގަޅު ފެށުމެއްގެ ގޮތުގައި އަފްޝަން ފާހަގަކުރެއްވިއެވެ.

"ކުނީގެ މައްސަލައަކީ ހުރިހާ ކައުންސިލަކުންވެސް ފާހަގަކުރާ އަދި އެކަމުގައި ގިނަ ޝަކުވާތަކެއް ހުރި މައްސަލައެއް. މިނިސްޓްރީން ކައުންސިލްތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުން މިމައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން." އަފްޝަން ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން ކ، އއ، އދ، ވ އަތޮޅުގެ 32 ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 15 ރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ޤާއިމުކޮށް 11 ރަށެއްގައި މިހާރު ހުރި މަރުކަޒުތައް އިތުރަށް އަޕްގްރޭޑްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުނި މެނޭޖްކުރުމަށް ކައުންސިލްތަކުގައި ހުރި ކެޕޭސިޓީ އިތުރުކުރުކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.