މިމަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި އެޤައުމުގެ ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ދިވެހިންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމަވާފައިވާކަން ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސެނައިކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އިއުލާންކުރައްވާފައެވެ.
މިކަމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސްރީލަންކާއަކީ ގިނަ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާއަށް ދިވެހިން ދަތުރުކުރާ ޤައުމަކަށްވުމުން، މި ނިންމުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.
އަދި ވިސާއަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ޚާއްޞަކޮށް، ސެކިއުރިޓީ ކްލިއަރެންސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ވިސާއަށް އެދޭ ފަރާތުގެ ސެކިއުރިޓީ ކްލިއަރެންސްގެ ރެކޯޑުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އޭގެ ސަބަބުން ވިސާ ބާޠިލުވުން ފަދަ ނޭދެވޭ ނަތީޖާއެއް ކުރިމަތިވެދާނެތީ، އެކަމަށް ސަމާލުވުމަށް ސްރީލަންކާ ސަރުކާރުންވެސް އިލްތިމާސްކޮށްފައިވާކަން ޚާރިޖީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ އެންމެހައި ދިވެހިން އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ޚާރިޖީ ވުޒާރާއިންވަނީ ހަނދުމަކޮށްދެއްވާފައެވެ.
ދިވެހިންނަށް ސްރީލަންކާއިން މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ އެއް އަހަރަށް ދޭން ނިންމާފައިވާއިރު، ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމާއެއްގޮތަށް ޖުލައި 30އިން ފެށިގެން ސްރީލަންކާ މީހުންނަށް ރާއްޖެއިންވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަވައްޓެރި ސްރީލަންކާއަކީ އެންމެ ގިނައިން އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ އެއް ޤައުމެވެ. އަދި ބޭސްފަރުވާއާއި ތައުލީމު ހާސިލްކުރުމަށް އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ އެއްޤައުމަކީވެސް ސްރީލަންކާއެވެ.