ތަޢުލީމު

"މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އަންނަ މުހިންމު ބަދަލުތައް އަންގަންވާނެ"


މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކަށް އަންނަ މުހިއްމު ބަދަލުތައް އަންގަންވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ބައެއް ކޮލެޖް އިންސްޓިޓިއުޓްތަކުން މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަން ނާންގައި ހުންނަކަން ފާހަގަކުރެވެމުންދާތީ، އެކަމާގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭ މައުލޫމާތު ބެލެހެއްޓުމަކީ އެ މިނިސްޓްރީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އަދި ކޮންމެ މަރުކަޒަކުންވެސް އެތަނަށް އަންނަ މުހިންމު ބަދަލުތައް ހަޔަރ މިނިސްޓްރީއަށް އަންގަންވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެގޮތުން، މެނޭޖްމަންޓް، މަސްއޫލުވެރި ފަރާތް، ހިންގާ ވެރިޔާ، ކެމްޕަސް، އައުޓްރީޗް ސެންޓަރ، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް ފަދަ، ތަނުގެ އެއްވެސް މުހިންމު މައުލޫމާތަކަށް ބަދަލު އަންނަނަމަ އެ މިނިސްޓްރީއަށް އެކަން އަންގަންވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކޮލެޖް އިންސްޓިއުޓްތަކަށް ދޫކުރާ ރަޖިސްޓްރީގައިވެސް އިންސްޓިޓިއުޓް ނުވަތަ ކޮލެޖްގެ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން އެ މިނިސްޓްރީއަށް އަންގަންވާނެ ކަމުގައި ބަޔާންކޮށްފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ މިނިސްޓްރީން ޢަމަލުކުރަމުންދާ "ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގައިވެސް، ކިޔަވައިދޭ ތަނެއްގެ މަސްއޫލުވެރި ފަރާތް ބަދަލުކުރަން ބޭނުންވާނަމަ، މަސްއޫލުވެރި ފަރާތުން އެގޮތަށް އެދޭކަމުގެ ލިޔުމާއި، މަސްއޫލުވެރިކަން ހަވާލުވާ ފަރާތުން އެކަމަށް އެދޭކަމުގެ ލިޔުމާއި، އެފަރާތުން ތަނުގެ މަސްއޫލުވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ލިޔުމަކާއެކު މިނިސްޓްރީއަށް ހުށަހަޅަންވާނެކަން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

މި ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުން، ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިޚުތިޔާރާއި، އިންސްޓިޓިއުޓް އުވާލަންޖެހޭ ހާލަތްތަކުގައި އުވާލުމުގެ އިޚުތިޔާރު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި ގަވާއިދާ ޚިލާފުވެގެން އިންސްޓިޓިއުޓެއް އުވާލަންޖެހޭ ހާލަތުގައި، މިނިސްޓްރީއާއި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނޯންނާނެކަމުގައިވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.