ޚަބަރު

6 ރަށަކުން ނަގާ ސާމްޕަލް ކުޅުދުއްފުށީ ހޮސްޕިޓަލަށް


ހދ.އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރެވިފައި ނެތް 6 ސިއްހީ މަރުކަޒެއްގެ ލެބޯޓްރީ ސާމްޕަލްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ކޭއާރުއެޗްގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި އެހޮސްޕިޓަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީޖާ ޢަލީއެވެ. ވޭވް ލެންތުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔޫނުސް އިބްރާޙީމްއެވެ.

ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރެވިފައި ނެތް ހދ.ކުމުންދޫ، ނެއްލައިދޫ، ފިނޭ، ނައިވާދޫ، ކުރިނބީ އަދި ހިރިމަރަދޫ ހެލްތު ސެންޓަރުން ނަގާ ސާމްޕަލްތައް މި އެއްބަސްވުމުގެ ދަށުން ކޭއާރުއެޗަށް ފޯރުކޮށްދޭނެއެވެ. މިއާއެކު އެހެލްތު ސެންޓަރުތަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު ޓެސްޓް ހަދަން ކޭއާރުއެޗަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ.

ކޭއާރުއެޗްގެ އިތުރުން ހދ އަތޮޅުގެ މަކުނޫ، ވައިކަރަދޫ، ނޭކުރެންދޫ، ނޮޅިވަރަން އަދި ހަނިމާދޫ ހެލްތު ސެންޓަރުން މިހާރުވެސް ލެބޯޓްރީގެ ޚިދުމަތް ދެއެވެ. އަދި ހދ.ނޮޅިވަރަންފަރު ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ޚިދުމަތް އަންނަ ޖުލައި މަހުގެ 15 ގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.