ތިމާވެށި

ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރުތަކުން އިތުރު ފުރުޞަތު ލިބެންޖެހޭ: ޞަބްރާ


ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރުތަކުން ފުރުޞަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަންޖެހޭ ކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ޞަބްރާ މިހެން ވިދާޅުވީ، ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ "30 ބައި 30" ވެބިނަރގައި ރާއްޖެ ތަމްޞީލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ވެބިނަރ އަކީ ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން އިންތިޒާމުކޮށްގެން " ޔޫ.އެން ޕޭޓްރަން އޮފް އޯޝަންސް"އާއި "30 ބައި 30 އިނިޝިއޭޓިވް"ގެ ފައުންޑަރ ލުވިސް ޕިއުގެ އެހީތެރިކަމާއެކު ބާއްވާ ވެބިނާރއެކެވެ.

މި ވެބިނަރގައި ވާހަކަފުޅު ދައްކަވަމުން ޞަބްރާ ވަނީ ރާއްޖޭގެ ސަރަޙައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަޙައްދުކަން ފާހަގަކުރައްވައި، ރާއްޖެއަކީވެސް އެހެން ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ފަދައިން ކަނޑުގެ ދިރުންތަކުގެ މައްޗަށް ދިރިއުޅުން ވަރަށްބޮޑަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް "30 ބައި 30" ޕްރޮޖެކްޓުން ކުރާ މަސައްކަތް ރާއްޖެއަށް މުހިންމުވެގެންދާ މައިގަނޑު ސަބަބުކަން ޞަބްރާ ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ކަނޑުތަކަކީ ދުނިޔޭގެ އެންމެބޮޑު އެއް "ނެޗުރަލް ކާބަން ސްޓޯރޭޖް ސިސްޓަމް" ކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ކުރިމަތިކުރުވާ ނުރައްކާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުން ވެގެންދާނީ މުސްތަޤުބަލުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅަކަށްކަން ޞަބްރާ ފާހަގަކުރެއްވިއެވެ.

ޞަބްރާ ވަނީ ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ރާއްޖެއިން ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތްކަމާއި އަދި އޭގެ ސަބަބުން ކަނޑުއަޑީގެ ދިރުންތަކަށްވެސް އޭގެ ގެއްލުން ނުފޯރާކަމުގައި ޞަބްރާ ވިދާޅުވިއެވެ. އެހެންކަމުން މީއީ މަހުގެ ސްޓޮކަށްވެސް ގެއްލުންނުވެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ބާރުލިބިގެންދާ ކަމެއްގެ ގޮތުގައި ޞަބްރާ ފާހަގަކުރެއްވިއެވެ.

ދާދިފަހުން ބޭއްވި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ 25 ވަނަ ސެޝަނުގައި، ރީނދޫ އުރަހަ ކަންނެއްލި އަދި ކަޅުބިލަމަހުގެ މަސްވެރިކަން އޭގެ ސްޓޮކަށް ގެއްލުންވާ މިންވަރަށް ކުރަމުންދާތީ އެ ބާވަތްތަކުގެ މަހުގެ ސްޓޮކް ދިރުވާ އާލާ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ބާވަތްތަކުގެ މަސްވެރިކަން ކުރުމާބެހޭގޮތުން ނިންމި ނިންމުމަށް އިޝާރާތްކުރައްވައި ޞަބްރާ ވަނީ ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ ވަކާލާތުކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ، މަސްވެރިކަން ކުރާ ފަރާތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަނޑުތައް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެކަނި އަޅައިގެން އެކަން ޙާޞިލުނުވާނެކަމަށާއި އެއާއި ވިދިގެން ދެމެހެއްޓެނިވި މަސްވެރިކަމާއި ދެކޮޅު ފިޔަވަޅުއެޅުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތްތަކަށް މަސްވެރިކަން ކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާޒާރުތަކުން ފުރުޞަތުތައް އިތުރަށް ފުޅާވެ ފަހިވެފައި އޮންނަންޖެހޭކަމުގައި ވެސް ޞަބްރާ ވިދާޅުވިއެވެ.

ޞަބްރާގެ ވާހަކަފުޅުގައި ތިމާވެށީގެ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވަމުން ވަނީ ރާއްޖެއިން މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވާކަމާއި، ބ. އަތޮޅު ބަޔޮސްފިޔާ ރިޒާރވް އެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމާއި އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ނިޔަލަށް ރާއްޖެއިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއާއި އަދި "ހައި ލީކޭޖް ސިންގަލް ޔޫސް ޕްލާސްޓިކް" އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުން މިމަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

ޞަބްރާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުރާލާ ފިޔަވަޅުތައް އަޅަމުންގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެކުލަވާލާ "މެރިން ސްޕޭޝަލް ޕްލޭން" އަކީ ނޫ އިޤްތިޞާދެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތާއި އަދި ކަނޑުގެ ދިރުންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެކަމެއްކަން ޞަބްރާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ޕޮލިސީތައް ހަދާ އެއާ އެއްގޮތަށް އެކަންކަން ތަންފީޒުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްނަމަވެސް އެއީ މުސްތަޤްބަލުގައި އޭގެ ފައިދާތައް ނުހަނު ބޮޑަށް ފެންނާނެކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ އެންމެންގެ ލާބައާ މަންފާއަށްޓަކައި، ކަނޑުގެ ދިރުންތައް ދިރުވާ އާލާކުރުމާގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސް، ހޭލުންތެރިކަން އުފައްދައި، އަދި އެކަމަށް ޤަވާއިދުތައް ހަދަމުންދިޔުމުގެ މުހިންމުކަން ވެސް ޞަބްރާ ފާހަގަކުރެއްވިއެވެ.