ޚަބަރު

ޖުލައި 20ގެ ކުރިން ރާއްޖެއަށް ވެކްސިން ލިބޭނެ: ހެލްތު މިނިސްޓަރ


އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ކަނޑައެޅިގެން ލިބޭނެ ވަކި ދުވަހެއް ދަންނަވަން ދަތިކަމަށެވެ.

މުޅި ދުނިޔެއަށްވެސް އެންމެ ބޮޑު ޑިމާންޑެއް މިވަގުތު އޮތް ކޯވިޑް ވެކްސިން ހޯދުމަށް ރާއްޖެއިން އަންނަނީ ޑަބްލިއުއެޗްއޯއާއި އަދި އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. މީގެއިތުރުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ބޭނުންވާ، ވެކްސިން ގަތުމުގެ މަސައްކަތްވެސް އަންނަނީކުރަމުންނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު ސިންގަޕޫރުގެ އެސްޓްރާޒެނެކާއާއެކު ރާއްޖެއިންވަނީ 7 ލައްކަ ވެކްސިން ޑޯޒް ގަތުމަށް އެއްބަސްވެފައެވެ. މިވެކްސިންގެ ތެރެއިން ދެލައްކަ ޑޯޒް ޖޫންމަހު ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓްރީއިން މީގެކުރިން ލަފާކޮށްފައިވީ ނަމަވެސް ވެކްސިން އުފެއްދުމުގައި ހުރަސްތަކެއް ކުރިމަތިވެ ރާއްޖެއަށް ވެކްސިން ލިބުންވަނީ ފަސްވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ރާއްޖެއާއެކުވެފައިވާ އެއްބަސްވުމުގެ ދަށުން 2 ލައްކަ ވެކްސިން ޑޯޒް އަންނަ ޖުލައިމަހުގެ 12 ވަނަ ދުވަހާއި 20 ދުވަހާއި ދޭތެރޭގެ މުއްދަތެއްގައި ރާއްޖެއަށް ލިބޭނެކަމަށެވެ. އެހެންނަމަވެސް ކަނޑައެޅިގެން ލިބޭނެ ތާރީޚު އަދި ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރަޝިއާގެ ކުންފުންޏަކާއެކު މިހާރު ނޮންޑިސްކްލޯޒަރ އެގްރިމަންޓް ނުވަތަ ސިއްރު ހިފެހެއްޓުމުގެ ޚާއްސަ އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށެވެ. މީގެ ދަށުން މުހިއްމު ބައެއް މަޝްވަރާތައް ކުރިއަށްދާކަމަށާއި ވަރަށް އަވަހަށް ވެކްސިން ގަތުމަށް ރަސްމީ އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. ހަމައެއާއެކު އެމެރިކާއިންވެސް ރާއްޖެއަށް ވެކްސިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު 7 ވެކްސިނެއް ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި އެސްޓްރާޒެނެކާ، ކޮވިޝީލްޑް، ސިނޯފާމް، ފައިޒާ، ސްޕަޓްނި، މޮޑާނާގެ އިތުރުން ޖެންސެން ވެކްސިން ހިމެނެއެވެ.