ރިޕޯޓް

ށ.ބިލެތްފަހީ ބަނދަރުގެ މަސައްކަތް ފެބުރުއަރީ މަހު ނިންމާލެވޭނެ: އެމްޓީސީސީ


ލަފާ ފުރުމަށްޓަކައި ފެންވަރު ރަނގަޅު ޒަމާނީ ބަނދަރެއް އޮތުން އެއީ ކޮންމެ ރައްޔިތަކުވެސް ދެކެމުން އަންނާނެ ހުވަފެނެކެވެ. އެގޮތުން ށ.ބިލެތްފަހީ ރައްޔިތުންވެސް ތިބީ އެރަށުގެ ރައްޔިތުން ލަފާ ފުރުމަށް އުފުލަމުން އައި ތަކްލީފްތަކަށް ނިމުމެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ބިލެތްފަހީގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ ޖާގައިގެ ގޮތުން ކުޑަބަނދަރެކެވެ. އަދި އެރަށުގެ ބަނދަރުގެ ނެރުމަތީގައި އުފެދޭ ރާޅުބާނީގެ ސަބަބުން އެނެރު ބޭނުންކުރުމުގައި ރަށުގެ ރައްޔިތުނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައިވާ ކަމަށް ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިއާދު ވިދާޅުވިއެވެ.

ޒިއާދު ވިދާޅުވީ ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުން އަންނަ ކަމަށާއި އެރަށުގެ ބަނދަރުގެ ނެރުގައި އުފެދޭ ރާޅުބާނީގެ ސަބަބުން އޮޑިދޯނިފަހަރު ބަނދަރު ތެރެއަށް ވަދެ ނުކުތުމަށް ދަތި އުނދަގޫތަކާއި ކުރިމަތިވާ ކަމަށާއި، މިކަމުގެ ސަބަބުން އެރަށުގެ ބަނދަރުގެ ނެރުމަތީގައި ހިތާމަވެރި ގިނަ ހާދިސާތައް ހިނގާ ކަމަށެވެ. އަދި އޮޑިދޯނިފަހަރު ފަރަށް އަރާ ބޮޑެތި ގެއްލުންތައްވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރިޔަށްދާ ބިލެތްފަހީ ބަނދަރުގެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށާއި، ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ބިލެތްފަހީގައި މިހާރު ތަރައްގީ ކުރަމުންދާ ބަނދަރަކީ ޒަމާނީ ފެންވަރުގެ ބަނދަރަކަށްވެގެން ދާނެކަމަށާއި ރައްޔިތުން ތިބީ ބަނދަރު ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ބިލެތްފަހީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިޔަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށާއި މިމަސައްކަތް ޖުލައިމަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް މިމަސައްކަތުގެ ކޮންޓްރެކްޓަރ، އެމްޓީސީސީންވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ދަށުން 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1150 ސްކުއެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި 14325 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި، 376 މީޓަރު ބޭރު ތޮށި ހެދުމާއި، 98 މީޓަރު އެއްގަމު ތޮށި ހެދުމުގެ އިތުރުން 5 މޫރިން ބްލޮކް ލުން ހިމެނެއެވެ.

ބިލެތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރީ 28.42 މިލިއަން ރުފިޔާއަށް މިއަހަރު ޖެނުއަރީ މަހުގެ 18 ވަނަދުވަހުއެވެ. މިބަނދަރުގެ މަސައްކަތް މިއަންނަ އަހަރުގެ ފެބުރުއަރީ މަހު އެއްކޮށް ނިންމާލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެއެެވެ.