ތިމާވެށި

"އެޗްއެފްސީ ބޭނުންކުރުން ހުއްޓާލުމުގެ ވިސްނުން އެބަހުރި، މިދަނީ މަސައްކަތްކުރަމުން"


ރާއްޖޭގައި ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ބޭނުންކުރުން ހުއްޓާލުމުގެ ވިސްނުން އެބަހުރިކަމަށާ، އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައިވާ އެޗް.ސީ.އެފް.ސީ ރާއްޖޭގައި ބޭނުންކުރުން އެއްކޮށް ހުއްޓާލުމާގުޅިގެން އެކަމުގެ ކާމިޔާބީ ފާހަގަކުރުމަށް "އަ ކޫލް މޫވް، މޯލްޑިވްސް ކުއިޓްސް އެޗް.ސީ.އެފް.ސީ" ނަމުގައި ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހިރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރެއިން އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލި ފުރަތަމަ ޤައުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ޤައުމުތަކުން ބޭނުންކުރުން ހުއްޓާލުމަށް 1989 އެކުލަވާލި މޮންޓްރިއާލް ޕްރޮޓޯކޯލުގައި ހިމެނޭ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ދިވެހިރާއްޖެއަކީ އަބަދުވެސް ނަމޫނާ ދައްކަމުންދާ ޤައުމެއްކަމަށެވެ. އެގޮތުން ކުލޯރޯފުލޯރޯކާބަންސް، ސީ.އެފް.ސީ ފޭސް-އައުޓް ކުރުމަށް ޝެޑިއުލްކޮށްފައިވާ މުއްދަތައްވުރެ ދެ އަހަރުކުރިން 2008 ވަނަ އަހަރު ރާއްޖޭން މި އަމާޒަށް ވާޞިލުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޕްރޮޓޮކޯލްގެ ދަށުން 2030 ގެ ނިޔަލަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހައިޑްރޯފްލޯރޮކާބަންސް، އެޗް.ސީ.އެފް.ސީ ފޭސް-އައުޓްކުރުމަށް ކަނޑައަޅާފައިވާއިރު، އެ މުއްދަތުގެ 10 އަހަރު ކުރިން 2020 ވަނަ އަހަރު ރާއްޖޭން މި ލަނޑުދަނޑިވެސް ޚާޞިލުކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ ގުޅިގެން ގުދުރަތީގޮތުން ކުރިމަތިވާ ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމަކުން އެހެން ޤައުމުތަކަށް ދެއްކި މުހިއްމު ނަމޫނާއެއްކަމަށެވެ. އަދި ސަރުކާރުގެ މިހާރު އަމާޒުހުރީ އެޗް.އެފް.ސީ ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށްކަމަށާއި، އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމަ އެހެންމެ އޯޒޯން އެކްޓަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިބަދަލުތައް ގެނެވުމުން މި ޕްލޭން ތަންފީޒުކުރުމަށް މަސައްކަތް ކުރެވޭނެކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

"ސީ.އެފް.ސީއާއި އެޗް.ސީ.އެފް.ސީ ފޭސް-އައިޓްކުރުމުގައި ރާއްޖެއިން މި ހޯދި ކާމިޔާބީއަށް ބަލާ، މިހާރު ވިސްނުންހުރީ އެޗް.އެފް.ސީ ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް. އެކަމަށް ބޭނުންވާ ޕްލޭންތައް ހަދަމުންދާއިރު އޯޒޯން އެކްޓަށްވެސް މުހިއްމު ބަދަލުތަކެއް ގެނައުމަށް މިދަނީ މަސައްކަތްކުރަމުން. މިއީ ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ތަރައްޤީއަކާ ދިމާލަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި އަނެއްކާވެސް އެޅިގެންދާ މުހިއްމު ފިޔަވަޅެއް" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އެކި އެކި ނުރައްކާތައް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ޤައުމުކަމަށާއި، ޖައްވު ހޫނުވުމަށް މެދުވެރިވާ ސަބަބުތަކާދެކޮޅަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމަށް ޢަމަލީ ސިފައެއް ގެނައުމަށްޓަކާ އެކި ފަހަރުމަތިން ރާއްޖޭން މުހިއްމު މަސައްކަތްތަކެއްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް 2010 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މިއީ ރާއްޖެއާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ދެކޭގޮތް އަނެއްކާވެސް ބަދަލުކުރުވާނެކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތުން، ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ތާބައަދަށް ބޭއްވުމަށް މިކުރާ މަސައްކަތުގައި އިރާދަކުރެއްވިއްޔާ ނަތީޖާ ލިބޭނެ. ދުނިޔޭގެ ޤައުމުތަކުން އަޅުގަނޑުމެން މިކުރާ މަސައްކަތް ބަލައިގަންނާނެ. އަދި އަޅުގަނޑުމެން މިދައްކާ މިސާލާއެކީގައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިކަން ކުރާނެކަން އަޅުގަނޑަށް ހަމަ ޔަޤީން" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓަރ އަސްލަމްގެ އިތުރުން އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމަށް ރާއްޖޭން ކުރި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން މަސައްކަތްކުރި އޮފީސްތަކާއި ވުޒާރާތަކުގެ އިސްބޭފުޅުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ޙުސައިން ރަޝީދު ޙަސަން ހިމެނިވަޑައިގަންނަވައެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމުގައިވާ އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލަން ދުނިޔޭގެ ޤައުމުތަކުން އެއްބަސްވީ 1989ވަނަ އަހަރުގެ މޮންޓްރިއާލް ޕްރޮޓޯކޯލްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި 197 ޤައުމަކުން ސޮއިކޮށްފައިވެއެވެ. ތަރައްގީވަމުން އަންނަ ޤައުމުތަކަށް މި ގޭސް ބޭނުންކުރުން ހުއްޓާލަން ކަނޑައެޅީ 2030ވަނަ އަހަރުގެ ކުރިންނެވެ.

ރާއްޖެއިން ވަނީ އެޗްސީއެފްސީ ފޭސް-އައުޓް މެނޭޖްމަންޓް ޕްލޭން (އެޗްޕީއެމްޕީ) މަޝްރޫއުގެ ތެރެއިން، ޕްރޮޓޮކޯލްގައި އެއްބަސްވެވުނު މުއްދަތަށް ވުރެ 10 އަހަރު ކުރިން މި ވިހަ ގޭސް ބޭނުންކުރުން ހުއްޓާލާފައެވެ. މިމަޝްރޫއަށް ފަންޑުކުރީ މޮންޓްރިއާލް ޕްރޮޓޮކޯލްގައި ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވާން ފަހިކޮށްދިނުމުގެ ގޮތުން އެކުލަވާލި މަލްޓިލެޓެރަލް ފަންޑް (އެމްއެލްއެފް)ގެ ހިލޭ އެހީންނެވެ. ރާއްޖެއިން އެޗް.ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލުމުގެ ޕްލޭން ތަންފީޒުކުރަން ފެށި 2010ވަނަ އަހަރު 67 މެޓްރިކް ޓަނުގެ އެޗް.ސީ.އެފްސީ ގޭސް ވަނީ އެތެރެކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރު މި އިންސައްތަ ސުމަކަށް ތިރިކުރެވިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.