ތިމާވެށި

މާލެއާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި


މާލެއާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެސްސީއީސީ) އާއެވެ. މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާއެވެ. އަދި ސީއެސްސީއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ދިވެހި ރާއްޖޭގެ ގޮފީގެ ޖެނެރަލް މެނޭޖަރ، ޒޭންގ ޓާއޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ، މާލެއާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ޤާއިމުވުމާއެކު، މާލެ އާއި ވިލިމާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމުގެ ކުރިން ކޮންޓެއިނަރ ތަކުގައި ބެހެއްޓޭނެ ކަމަށާއި، މީގެ ސަބަބުން މޫދަށާއި ކަނޑަށް އެޅޭ ކުނި އެޅޭ މައްސަލައަށް ޖުމްލަ ގޮތެއްގައި ދާއިމީ ހައްލެއް ލިބިގެން ދާނެކަމަށެވެ. އެގޮތުން، ކޮންސްޓްރަކްޝަން ކުންޏާއި، އެހެނިހެން ކުނި ބެހެއްޓޭނީ އެކަމަށް ޚާއްސަކުރެވިފައިވާ ކޮންޓެއިނަރ ތަކުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން، ތިލަފުއްޓަށް ކުނި ގެންދާއިރު ނުބައި ވަސް ދުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލެއާއި ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކެއް ޤާއިމުކުރުމުން، ކުނި ހާމަގޮތެއްގައި ނުބަހައްޓައި، ތެތް އަދި ތެތް ނޫން ކުނިވެސް ވަކިކުރެވި، ކޮންޓެއިނަރ ތަކުގައި ބެހެއްޓުމުގެ ސަބަބުން، މީގެ ކުރިން ހާމަކޮށް ކުނި ބެހެއްޓުމުގެ ސަބަބުން މެއްސާއި ފަނިފަކުސަ ގިނަ އަދަދަކަށް ކުނި ބަހައްޓާ ތަނުގައި ހުރުން ފަދަ ކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މިއެއްބަސްވުމުގެ ޖުމްލަ އަގަކީ 11,868,751.66 ޔޫއެސް ޑޮލަރާއި، 600,000 ދިވެހި ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރާއި 4 މަސް ދުވަހުގެ ތެރޭގައެވެ.

މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)، އެހީއާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ފޭސް 1 ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަޤްސަދަކީ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ގްރޭޓަރ މާލެ ސަރަޙައްދާއި ޒޯން 3 ގައި ހިމެނޭ 32 ރަށުގައި އެކުލަވާލުމެވެ.

މި ޕްރޮޖެކްޓް ހިންގަނީ މައިގަނޑު 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފޭސް 1 ގައި ހިމެނެނީ މޫސުމަށް އަންނަ ބަދަލުތަކަށާއި ކާރިސާތަކަށް ވިލުންވެރި ( ކްލައިމެޓް އެނޑް ޑިޒާސްޓާރ ރެސިލިއަންޓް) ކުނި އުފުލާ، ނައްތާލާ ނިޒާމެއް އުފެއްދުމާއި، ރަށުފެންވަރުގެ ކުނި މެނޭޖް ކުރުމުގެ ނިޒާމެއް ޤާއިމުކުރުމާއި، އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުނި ނައްތާލަން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒެއް ޤާއިމު ކުރުމާއި ތިލަފުށީގެ ޑަމްޕްސައިޓް ރިމީޑިއޭޓްކުރުމާއި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ވަރުގަދަކޮށް ދެމެހިއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ.