ޚަބަރު

އޭދަފުށީގައި އޮތް ކާފިއުގެ ހާލަތު އުވާލައިފި


ކޯވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން އޭދަފުށީގައި ހިންގި ކާފިއު އުވާލައިފިއެވެ.

އޭދަފުށީގައި ހިންގަމުން އައި ކާފިއު އުވާލިކަން އެޗްޕީއޭއިން އެންގި އިއުލާންގައި ބުނީ އެރަށު ކައުންސިލުން އެކުލަވަލާފައިވާ ޓާސްކްފޯސް ކޮމެޓީއާއި ކަމާބެހޭ މުއަޢްސަސާތަކުން މަޝްވަރާކޮށް ނިންމާފައިވާގޮތުގެ މަތިން ކާފިއު އުވާލާފައިވާކަމަށެވެ.

އޭދަފުށިން ކޯވިޑް ފެނި، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުވުމުން އެންމެ ފުރަތަމަ ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ މޭ މަހުގެ 10 ވަނަ ދުވައެވެ. އެދުވަހުން ފެށިގެން މި މަހުގެ ކުރީކޮޅާ ހަމައަށް ކާފިއު ހިންގާފައިވަނީ ހަވީރު 4:00 އިން މެންދަމު 4:00 އަށެވެ. އެއަށްފަހު ބަލިފެނުން މަދުވަމުން ދިއުމާއި ގުޅިގެން ކާފިއުގެ ވަގުތު މިމަސްތެރޭގައި 7 ގަޑިއިރަށް ކުޑަކުރިއެވެ. އެއަށްފަހު ކުޑަކުދިން ބައްޔަށް ޕޮޒިޓިވްވާ އަދަދު އިތުރުވުމުންނާއި މޮނިޓަރިންއިން ރަށް ނެގުމުގެ ބޭނުމުގައި މިމަހުގެ 17 ވަނަ ދުވަހު ކާފިއުގެ ވަގުތު 12 ގަޑިއިރަށް އިތުރުކުރިއެވެ. އަދި މިހާރު ލުއިދިނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ނެގި ރެންޑަމް ސާމްޕަލްތަކުން ބައްޔަށް މީހަކު ޕޮޒިޓިވްވެފައި ނުވާތީއެވެ.

ކާފިއު އުވާލިނަމަވެސް މޮނިޓަރިންގައި ރަށް އޮންނާނެކަމަށާއި، އަދި މޮނިޓަރިންގެ ހާލަތްތަކުގައި އަމަލުކުރުމަށް ހަދާފައިވާ އުސޫލާ އެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.