ތިމާވެށި

ތެލަށް ބަރޯސާވުން ކުޑަކޮށް ހަކަތައިގެ ސިނާއަތް ސިންދަފާތުކުރަންޖެހޭ - މިނިސްޓަރ ޝައުނާ


ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ދާއިރާ ސިންދަފާތުކުރަންޖެހޭކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި އެނާރޖީ އިންވެސްޓަރ ކޮންފަރެންސް ފެށުމުގެގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅުކަން ފާހަގަކުރައްވާ، މިކަމުގައި ބައިނަލްއަޤްވާމީ ޕާޓްނަރުންގެ އެހީތެރިކަމާއި ބައިވެރިވުން ރާއްޖެއަށް ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެނާރޖީ އިންވެސްޓަރ ކޮންފަރެންސްއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވާލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސާއި ގުޅިގެން ރާއްޖޭގެ ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދިޔަ ކޮންފަރެންސްއެކެވެ.

ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ކޮންފަރެންސް ފަށްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝައުނާ ވަނީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދިނުމަށާއި މުޅި ހަކަތައިގެ ސިނާޢަތްހެން ބަރޯސާވަނީ ތެލަށްކަމަށާއި، މިއީ ޚަރަދުގެގޮތުން ބެލިޔަސް ދަޢުލަތުގެ ބަޖެޓަށް ބުރަ، އަދި ތިމާވެށީގެގޮތުންވެސް އެންމެ ރައްކާތެރިގޮތް ނޫންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހަކަތައިގެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމުގައި މިހާރަށްވުރެ ތިމާވެއްޓާ ރަށްޓެހި، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދެވޭ އަދި ޚަރަދުގެގޮތުންވެސް ދެކޮޅުޖެހޭ ގޮތްތަކެއް ޚިޔާރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި މާލީގޮތުން ހުރި ގޮންޖެހުންތަކުގެ އިތުރުން ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާގޮތުންވެސް ގިނަ ހުރަސްތަކެއް ހުރިކަމަށް މިނިސްޓަރ ވިދާޅުވެފައިވެފައިވެއެވެ.

"ތެޔޮ އަންދައިގެން އުފައްދާ ކަރަންޓަށްވުރެ އިއާދަކުރަނިިވި ހަކަތައިން ހެޔޮ އަގެއްގައި ކަރަަންޓް އެބަ އުފެއްދޭ. ނަމަވެސް އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަކީ ޚަރަދުބޮޑު މަސައްކަތެއް. ރާއްޖެފަދަ ޖަޒީރާ ޤައުމުތަކުގައި ރަށްތަށް ބެހިފައިވާގޮތުން މިފަދަ ނިޒާމެއް ޤާއިމުކުރުމަށް ބޮޑު ހޭދައެއް ކުރަން އެބަޖެހޭ. ޑިވެލޮޕްމަންޓް ބޭންކުތަކުގެ ބޭނުން ރާއްޖެއަށް އެންމެ ބޮޑަށް ޖެހެނީ މިފަދަ ދާއިރާތައް ތަރައްޤީކުރުމުގައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޚާއްސަ މެހެމާނުންގެ ގޮތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމައިލްވެސް ވަނީ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފައެވެ.

ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ފަހި ޤައުމަކަށް ހެދުމަށްޓަކާ ސިޔާސަތުތަކަށް ބަދަލުގެނެސް، އިންވެސްޓަރުންގެ ޝަޢުގުވެރިކަން ހޯދާ، ރާއްޖޭގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު އެކިގޮތްގޮތުން ފޯރުކޮށްދެމުންދާކަމަށެވެ. އަދި ކޯވިޑާއެކު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ރާއްޖެއިންވެސް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި، ދެމެހެއްޓެނިވި ތަރައްޤީއާއި ދިވެހިންގެ ދިރިއުޅުމާވެސް ގުޅިފައިވާ ހަކަތައިގެ ސިނާޢަތްފަދަ ދާއިރާތަކަށް އިންވެސްޓްކުރުމުގެ މުހިއްމުކަން މި ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ކޮންފަރެންސްގައި މިހާރުވެސް ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ، "އެސްޕަޔަރ ޕްރޮޖެކްޓް" އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ، "އެރައިސް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤައިމްކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކާބެހޭ މައުލޫމާތު ވަނީ ދީފައެވެ. އަދި ރާއްޖޭގެ ސެންޓްރަލް ބޭންކް އެމް.އެމް.އޭ އިންވެސް މި ކޮންފަރެންސަގައި ބައިވެރިވެ ސެޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ކުދި ޤައުމުތަކުގެ ކުރިއެރުމަށް ހަކަތައިގެ ދައިރާގެ މުޙިއްމު ކަމާއި ގުޅޭ ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކޮންފަރެންސަގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މި ޕެނަލްގައި އިންޓަނޭޝަނަލް ރިނުއިއުވަބަލް އެނަރޖީ އޭޖެންސީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކާއި އިންޓަނޭޝަނަލް ސޯލަރ އެލަޔަންސްގެ އޮފިޝަލުން ވަނީ ބައިވެރިވިއެވެ. އަދި އިންވެސްޓަރުންގެ ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ސުވާލާއި ޖަވާބު ސެޝަންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ވާރޗުއަލްކޮށް ކުރިއަށްދިޔަ މި އިންވެސްޓަރ ކޮންފަރެންސްގައި ޖުމްލަ 228 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސީޝެލްސްގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ، ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ފްލެވިއަން ޖޯއުބާރޓާއި، ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖެ، ސްރިލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރާއި، އެ ބޭންކުން ދެކުނު އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ހަކަތައިގެ ދާއިރާގެ ޕްރެކްޓިސް މެނޭޖަރ ހިމެނެއެވެ. އަދި ހަކަތައިގެ ދާއިރާގެ އިސްސަފުގައި ހަރަކާތްތެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ކުންފުނިތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.