ޚަބަރު

ބްރިޖްގެ މަސައްކަތަށް ބޭނުންވާ ސައިޓް ބަންދުކުރަނީ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް މާލޭގެ ސައިޓަށް ބޭނުންވާ ސަރަޙައްދު ބަންދުކުރެއްވުމުގެ މަސައްކަތް ފަށްޓަވައިފިއެވެ. މާލޭގެ ސައިޓް ބަންދުކުރައްވަނީ މިހަފްތާގައި ރާއްޖެ އަންނަ ޓީމަށް ސައިޓަށް ބޭނުންވާ ސަރަޙައްދު ވަކިކުރައްވައި ޙަވާލުކުރެއްވުމަށް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ. މާލޭގެ ސައިޓަށް ބަންދުކުރެއްވުމަށް ނިންމަވާފައިވަނީ، ލޮނުޒިޔާރަތްކޮޅުގެ ދިވެހިރާއްޖޭގެ އަޑުގެ އެންޓަނާތައް ހުންނަ ސަރަޙައްދުން ފެށިގެން އަމީނީ މަގާއި ބޮޑުތަކުރުފާނުމަގު ހިމެނޭ ގޮތަށް އުސްފަސްގަނޑާ ހަމައަށެވެ.ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ ޓީމް މިހަފްތާގައި ރާއްޖެ އައިސް މޮބިލައިޒޭޝަންގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައިއެވެ. ލޮނުޒިޔާރަތްކޮޅުގައި ހުރި ސުނާމީ ބިނާ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަޙައްދުން ނަންގަވައި އެހެން ތަނަކަށް ގެންދަވައި ހައުސިންގ މިނިސްޓްރީގެ ބެއްލެވުމުގައި ދަށުގައި މިހާރު ވަނީ ބަހައްޓަވާފައި. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ހަމަޖެހިފައިވަނީ ސުނާމީ ބިނާ ކުރިން ހުރި  ސަރަޙައްދުން ފެށިގެން ހުޅުލޭގެ ރަންވޭގެ ދެކުނު ކޮޅާ ހިސާބަށެވެ. ބްރިޖް އެޅުމުގެ މަސައްކަތް ރަސްމީގޮތުން ޗައިނާގެ ކުންފުންޏާ ޙަވާލުކުރެއްވުމުގެ އެގަރިމެންޓްގައި ސޮއިކުރެއްވުން އޮންނާނީ ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާގައި މާލޭގައިކަމަށް ހައުސިން މިނިސްޓްރީން ހާމަކުރައްވައެވެ. އަދި މޮބިލައިޒޭޝަންގެ މަސައްކަތް ނިންމައި، ބްރިޖް އެޅުމުގެ ޢަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުތައް ކުރެވެމުން އަންނަކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.