ޚަބަރު

"މި ސަރުކާރުގެ ހައުސިން ޔުނިޓުތައް ޙަވާލުކުރާނީ ހުރިހައި މަސައްކަތެއް ނިންމާފައި"


ހަތަރު އަހަރެއްހައި ދުވަސް ފަހުން "ހިޔާ" ހައުސިން ޔުނިޓްތަކަށް ވަދެވޭނެކަމުގެ އުއްމީދު އާވިނަމަވެސް އެތަނުން ފްލެޓު ލިބުނު މީހުންގެ އެންމެ ބޮޑު ޝަކުވާއަކީ ފްލެޓްތަކުގެ ގިނަ މަސައްކަތްތައް އަދިވެސް ނުނިމި ހުރުމެވެ. ފްލެޓަށް ވަނުމުގެ ކުރިން ފިނިޝިން މަސައްކަތްތަކަށް އަދި އެތަށް ހޭދައެއް އަމިއްލަ ޖީބުން ކުރަންޖެހުމެވެ. "ހިޔާ"އަކީ ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މިހާރުގެ ސަރުކާރުން އަލަށް ތަރައްޤީކުރާ ހައުސިން ޔުނިޓުތައް ޢާއްމުންނަށް ދޫކުރާނީ އެތަންތަނުގެ ހުރިހައި މަސައްކަތްތަކެއް ނިންމާފައިކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.

ހިޔާ މަޝްރޫޢުގެ ހައުސިން ޔުނިޓެއްގެ އަގަކީ 62،000 ޑޮލަރެވެ. 25 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖާސަފަވީ ނަމަވެސް ޔުނިޓެއްގެ ބޮޑުމިނާއި ކޮށްފައިވާ މަސައްކަތަށް ބަލާއިރު ކުރަންޖެހެނީ ވަރަށް ބޮޑު ޚަރަދެކެވެ.

އަންނަ މަހު ހިޔާ، ފްލެޓްތައް އެތަންތަން ލިބުނު މީހުންނާ ޙަވާލުކުރިނަމަވެސް، ފުރަތަމަ 3 މަސް ހޭދަވާނީ ފިނިޝިން މަސައްކަތްތައް ކުރުމަށެވެ. ހިޔާ ކޮންޓްރެކްޓުގައި ހިމެނޭ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް އޮފީހުގެ ފަރާތުން ދެއްވަމުން އެއޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި ދޮރު ހަރުކުރުމާއި ބަދިގޭގެ ކަބަޑުސެޓު ހެދުމުގެ އިތުރުން ފަންކާއާއި ބޮކިވެސް ހަރުކުރަންޖެހޭނީ ފްލެޓްތަކުގެ ވެރިންކަމަށެވެ.

މިފަދަ އެއްވެސް މަސައްކަތަކީ ހިޔާ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރިއިރު ކޮންޓްރެކްޓުގައި ހިމަނާފައިވާ މަސައްކަތްތަކެއް ނޫންކަމަށެވެ.

މަބްރޫކް ވިދާޅުވީ ސަރުކާރުން އަލަށް ތަރައްޤީކުރާ ކޮންމެ ޔުނިޓަކީވެސް ފިނިޝިން މަސައްކަތްތަކާއެކު ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ މަސައްކަތްތައްކަމަށެވެ. އާއިލާތަކުން ފްލެޓަށް ބަދަލުވާއިރު އެފަދަ އެއްވެސް ފިނިޝިން މަސައްކަތެއް އަމިއްލައަށް ޚަރަދުކޮށްގެން ކުރާކަށް ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާ މަޝްރޫޢުތަކުގައި 2ކޮޓަރި ޔުނިޓްތައްވެސްވަނީ ހިޔާ ހައުސިންގ ޔުނިޓަށްވުރެ ބޮޑު، އަގުހެޔޮ ތަންތަނަށްކަމަށް އޭނާ ވިދާޅުވިއެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފްލެޓްތަކުގެ ހުރިހާ މަސައްކަތްތައް ނިންމައި ވެރިންނާ ހަވާލުކުރެވޭވަރަށް ތަނުގެ ހުރިހާ މަސައްކަތްތައް ނިންމުންކަމަށް މަބްރޫކް ވިދާޅުވީއެވެ.

"ޓައިލްސްޖަހައި ކުލަލައި ދޮރުހަރުކޮށް ފަންކާއާއި ބޮކިތަށް ހަރުކޮށް ހުރިހާ މަސައްކަތްތައް ނިންމައިގެންވެސް، ސަރުކަރުން އަލަށްހަދާ 2 ކޮޓަރީގެ ޔުނިޓެއްގެ އަގު އަރަނީ 45،000-47،000ޑޮލަރަށް. ކުރިން ހިޔާގައި ފިނިޝިން ނުނިންމައި މާ ކުދި ޔުނިޓް މިހުރީ 62،000ޑޮލަރަށް ހަދާފައި." މަބްރޫކް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ތެރޭގަ ސަރުކާރުގެ 1،000 ހައުސިން ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތްވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ފަށާފައެވެ. އަދި އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ފެށުގެ ތައްޔާރީތައްވެސްދަނީ ވަމުންނެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ 11،000ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށެވެ.