ވިޔަފާރި

ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް 6 މަސްދުވަހުގެ ކެމްޕެއިނެއް


ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް އައުޓްޑޯ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިނަކީ ސައުތު ކޮރެއާގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމަށްޓަކައި 6 މަސްދުވަހަށް ފަށާފައިވާ ކެމްޕެއިނެކެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިންގެ ތެރެއިން ސައުތު ކޮރެއާގައި އެންމެ ގިނައިން މީހުން އެއްވެއުޅޭ ސަރަހައްދުތަކުގައި ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ދައްކައި ރާއްޖެ އިޝްތިހާރުކުރާނެކަމަށެވެ. އެގޮތުން ސައުތު ކޮރެއާގެ އެންމެ މައި 4 ސަބްވޭ ސްކްރީންތަކުގައި ރާއްޖޭގެ ފޮޓޯއާއި ވީޑިއޯ ދައްކާނެއެވެ.

މި ސަބްވޭއަކީ ގިނަބަޔަކު ދަތުރުކުރާ ތަނަކަށް ވުމުގެ ސަބަބުން މި ފޮޓޯތައް މެދުވެރިކޮށް އެކި ފަންތީގެ އެކި އުމުރުގެ މީހުންނަށް ރާއްޖޭއާއި ބެހޭ މެސެޖް ފޯރާ އިޝްތިހާރުވެގެންދާނެއެވެ. އެގޮތުން ސަބްވޭތަކުގައި މަޑުކޮށްގެން ތިބޭ ވަގުތުތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ފެނި ރާއްޖެއާއި ބެހޭ މައުލޫމާތުތައް ލިބިގެންދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނީ މި ކެމްޕެއިން މެދުވެރިކޮށް ސައުތު ކޮރެއާގެ 260،000 އަށްވުރެ ގިނަ މީހުންނަށް މެސެޖް ފޯރާ ރާއްޖެ އިޝްތިހާރުވެގެންދާނެކަމަށެވެ.

ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ މި ނޫނަސް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ސޯސަލް މީޑިއާ ކެންޕެއިންތަކާއި، ޓްރެވެލް ފެއަރތަކާއި، ވެބިނަރތަކާއި، ރޯޑްޝޯތަކާއި ބީޓުބީ އިވެންޓްތައްވެސް ވަނީ ބާއްވާފައެވެ.

ސައުތު ކޮރެއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. 2019 ވަނަ އަހަރު ސައުތު ކޮރެއާ ހިމެނިފައިވަނީ 12 ވަނަ އަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ. 2019 ވަނަ އަހަރު އެ ޤައުމުން ރާއްޖެއަށް 36،609 ފަތުރުވެރިން ވަނީ އައިސްފައެވެ.

ސައުތު ކޮރެއާ ސަރަހައްދުން 4 އެއަރލައިނެއް މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އަދި އެ ޤައުމުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ ކެމްޕެއިންތަކާއިއެކު އަހަރުގެ ކުރިއަށްއޮތްތަނުގައި ސައުތު ކޮރެއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.