ޚަބަރު

ފެނާއި ނަރުދަމާގެ މައި ހޮޅި ހިތާދޫގެ ބޮޑުބައެއްގައި އަޅާ ނިމިއްޖެ


ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ބ.ހިތާދޫގައި މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ މައިހޮޅިއެޅުމުގެ މަސައްކަތް ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. މިމަސައްކަތުގެ 45 އިންސައްތަ މިހާރުވަނީ ނިމިފައެވެ.

ރައްކާތެރި ސާފު ބޯފެން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ސަރުކާރުން މި ފަސްއަހަރު އެންމެ އިސްކަންދޭ އެއްކަމެވެ. ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަމަށާއި، މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫޢުތައް ފަށާފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހައި ރަށެއްގައި މާތްﷲގެ ވާގިފުޅާއެކު ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.

ފެނާއި ނަރުދަމާގެ މައްސަލަ ޒަމާނުއްސުރެ ދިމާވެފައިވާ ރަށްތަކުގެ ތެރޭގައި ބ.ހިތާދޫވެސް ހިމެނެއެވެ. ހިތާދޫގެ ފެން ތަޣައްޔަރުވެ ރަށުގެ އެކި ސަރަހައްދުތަކުން ފެނުން ނުބައިވަސް ދުވުމުގެ ޝަކުވާއަކީ މީގެ އަހަރުތަކެއް ކުރިންވެސް އެންމެ ބޮޑުއެއްޝަކުވާއެވެ. އެރަށު ބިމުން ނަގާ ފެނަކީ ފެންވެރުމަށާއި ކެއްކުމަށާއި އެހެން ބޭނުންތަކަށް އެންމެ ރައްކާތެރި ފެން ނޫން ކަމަށް އެރަށު މީހުން ބުނެއެވެ. އެރަށުގެ ގިނަ ގެތަކުގައި، ފެންވެރުމަށް ބޭނުންކުރާ ފެންވަޅުތަކުން ފެންނަގަނީ ކުދި އޮކްސިޖަން ޕަންޕް ބޭނުންކޮށްގެން ފެނުން ވަސްކަނޑުވައިގެންނެވެ. މިހެން ހެދުމުން ފެނުގައި ހުންނަ ނަޖިސް ވަސް ކެނޑުނު ނަމަވެސް އެފެނަކީ ބޭނުން ކުރުމަށް ރައްކާތެރި ފެން ނޫންކަން ރައްޔިތުން ޤަބޫލްކުރެއެވެ. އަދި މިނޫންގޮތެެއް ނެތް ބައެއް ހާލަތްތަކުގައި ކުދިން ފެންވަރުވާ ދަތް އުނގުޅާ އަނގަދޮވުމަށް ބޭނުންކުރަނީ މިނަރަލް ވޯޓަރއާއި ވާރޭފެން ކަމަށް އެރަށު މީހުން ބުނެއެވެ.

މިއީ ހަމައެކަނި ހިތާދޫއަށް ދިމާވެގެން އުޅޭ މައްސަލައެއްނޫނެވެ. ރައްކާތެރި ސާފުފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން މިފަދަ ކަންކަމާ ކުރިމަތިލާން ގިނައިން ޖެހިފައި ތިބީ އާބާދީ މަދު ރަށްރަށުގެ މީހުންނެވެ.

ހިތާދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުއެވެ. އެމަސައްކަތުގެ ދަށުން އާރޯ ޕްލާންޓް ބަހައްޓާ އިމާރާތް ރާނާ ނިމި ހިޔާ ކުރުމާ ހަމައަށް ގޮސްފައިވާއިރު، ފެން ރައްކާކުރުމަށް ހަދާ ތާންގީތަކުގެ ބުޑުތަކުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ނަރުދަމާ މަސައްކަތުގެ ދަށުން ރަށުގެ ދެބައިކުޅަ އެއްބައި ސަރަހައްދެއްގައި މައި ހޮޅި ވަޅުލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހިތާދޫ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ނަރުދަމާ މަސައްކަތުގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެކައުންސިލުން މައުލޫމާތުދެއެވެ.

މިދެމަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބަށް ނިންމާލުމަށް ކުރިން ކަނޑައަޅާފައިވީ ނަމަވެސް އެކަން ނުވީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް މީހުންނަށް ނާދެވުމުން ކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އާ ހަވާލާދީ އެރަށުން ކައުންސިލުން ވިދާޅުވެއެެވެ. ހިތާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް ކުންފުނިންނެވެ. މިމަސައްކަތް ނިމުމުން ގޭގެއަށް ކަނެކްޝަން ގުޅުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އާ ހަވާލާދީ ހިތާދޫ ކައުންސިލުން ވިދާޅުވެއެވެ.